ގައުމީ އިއްތިހާދު ޕާޓީ އުވިގެން ނުދާނެ - ރައީސް

ގައުމީ އިއްތިހާދު ޕާޓީ އުވިގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ އިއްތިހާދުގެ އޯކިޑް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.ވަހީދު ވިދާޅުވީ އެޕާޓީ އުވިގެން ނުދާނެ ކަމަށާއި ޕާޓީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕާޓީގެ ހީވާގި މެންބަރުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެމަސައްކަތް ހުއްޓާލާނީ ކާމިޔާބު ހޯދުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕާޓީ ބޮޑުކުރައްވަން މިހައިތަނަށް އެއްވެސް މަސައްކަތެއް ކުރައްވަވާފައި ނުވާނެ ކަމަށާއި އަދި އާންމު ޕޯޑިއަމެއްގައި އެފަދަ ކަމަކަށް އެދިވަޑައިގެން އެކަމުގެ ވާހަކަ ދައްކަވާފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިއަދު ގައުމީ އިއްތިހާދު ޕާޓީ އާޢި ހުރިހާ ބޭފުޅުން ގުޅުމަށް އެދިވަޑައިގެންނެވީ ސިޔާސީ ކަންކަން ރާއްޖޭގައި މިހާރު ހިނގަމުންދާ ގޮތުން ކަމަށެވެ. އެގޮތުން ސިޔާސީ ރޭހުގައި ދެމިހުންނެވުމަށްޓަކައި މިއަދު މިކަމަށް އެދިވަޑައިގަތުމަށް މަޖުބޫރު ކުރުވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.ވަހީދު މިހެން ވިދާޅުވިއިރު ގައުމީ އިއްތިހާދު ޕާޓީގެ މިހާރުގެ މެންބަރުންގެ އަދަދަކީ 4،012 އެވެ. އަދި އެޕާޓީގެ 700 އަށް ވުރެން ގިނަ ފޯމް ޗެކްނުކޮށްވެ އެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ބިލް އޮތް ގޮތުން އެ ބިލް ގާނޫނަކަށް ވާ ދުވަހުން ފެށިގެން 10،000 ހަމަނުވާ ސިޔާސީ ޕާޓީތައް އުވިގެން ދާނެ ކަމަށް ބުނެފައިވެ އެވެ.
މިބިލާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލު ތަޞްދީގް ނުކުރައްވައި އަނބުރައި ފޮނުއްވެވީ އެބިލުގައި އިސްލާޙުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށާއި ނަމަވެސް ގޮތް ދޫނުކުރުމުގެ ސިޔާސަތު ކުރިއަށް ނެރެ އިޞްލާޙުކުރަންހުރި ކަންކަން އިޞްލާޙުނުކޮށް ބިލް އޮތްގޮތަށް ފާސްކޮށް ތަސްދީގް ކުރެއްވެވުމަށް މަޖުބޫރުކުރުވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.
"މަޖިލީހުން ބޭނުންފުޅެއް ނުވި އަޅުގަނޑު ހުށަހެޅި އިސްލާހުތައް ބައްލަވާލަން ވެސް. ބައްލަވާލައްވަން ހަމަ އެއްގޮތަށް އެއްބަސްވެ ވަޑައެއްނުގެންނެވި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީކީ މި ގައުމަށް އެންމެ ފައިދާހުރި ގޮތެއް ނޫން. " ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ