މޫސުން ގޯސްވުމުގެ ސަބަބުން ޓެނިސް މެޗުތައް މާދަމާއަށް ފަސްކޮށްފި

ރިޔޫނިއަންއަށް މޫސުން ގޯސްވުމުގެ ސަބަބުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ޓެނިސް މެޗުތައް މާދަމާއަށް ފަސްކޮށްފިއެވެ.
އައިއޯއައިޖީގެ ޓެނިސްގައި ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓް ސިންގަލްސް މެޗާއި ޓީމް އިވެންޓް މިކްސް ޑަބަލްސް މެޗާއި އަންހެން ސިންގަލްސްއާ ޑަބަލްގެ މެޗުތަކެވެ. މިމެޗުތައް މިހާރު މާދަމާއަށް ވަނީ ފަސްކޮށްފަ އެވެ.
ޓީމް އިވެންޓް ސިންގަލްސް އަންހެން މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އަޔާނީއާއި މަޑަގަސްކަރަ ޓީމުގެ ކުޅުންތެރިއަކާ އެވެ. ޓީމު އިވެންޓް މިކްސް ޓަބަލްސް މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިރުފާއާ ރަބީޢުގެ ޕެއާރއެވެ. އިރުފާއާ ރަބީޢުގެ ޕެއާރ ވާދަކުރުމަށް ހަމަޖެހިފައިވަނީ މަޑަގަސްކަރައިގެ ޓީމުގެ ޕެއާރއަކާއި ދެކޮޅަށެވެ. އަދިއިންޑިވިޗުއަލް ޓީމް އިވެންޓް އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އިރުފާޔާ އަޔާނީގެ ޕެއާރއެވެ. 
މިއަދުގެ މެޗްތައް މެދުކަނޑާލާފައިވާއިރު މިއަދު ކުޅެވުނު ސިންގަލްސް މެޗުތަކުން ރާއްޖޭގެ ޤައުމީ ޓެނިސް ޓީމުވަނީ ބަލިވެފައެވެ. މިއަދު ހެނދުނު ކުޅެވުނު ފިރިހެނުންގެ ސިލްގަލްސްއާއި އަންހެން ސިންގަލްސް މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. އެގޮތުން ފިރިހެން ސިންގަލްސްގައި މަޑަގަސްކަރައިގެ ކުޅުންތެރިޔާއާ ވާދަކޮށް ރާއްޖޭގެ އަބްދުލް ފާއިހް ފަޒްލީ ބަލިވެފައިވަނީ 0-6 އަދި 1-6 އިންނެވެ.
ފިރިހެނުންގެ ސިންގަލްސްގެ ދެވަނަ މެޗުގައި މއިަދު ރަބީއު މުހައްމަދު ބަލިވެފައިވަނީ މަޔޯޓްގެ ކުޅުންތެރިޔާ އަތުން 0-6 އަދި 1-6 އިންނެވެ. އަންހެން ސިންގަލްސްގައި އަޔާނީ މޫސާ ކަލީމް ބަލިވެފައިވަނީ މޮރިޝަސްގެ ކުޅުންތެރިޔާއާ ވާދަކޮށް 0-6 އަދި 0-6 އިންނެވެ. ޓީމު އިވެންޓްގެ ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ.
އައިއޯއައިޖީގައި ރާއްޖެއަށް މިހާތަނަށް ވަނީ ހަ މެޑަލް ލިބިފައެވެ. އެއީ 1 ރަން މެޑަލް، 2 ރިހި މެޑަލް އަދި 3 ލޯ މެޑަލް އެވެ. 100 މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު 10،000 މީޓަރު ދުވުމުން ޝަމްހާ އަހުމަދު ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ޓީމު އިވެންޓުން އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑަލްއެއް ހޯދައިފަ އެވެ. ބެޑްމިންޓަން އަންހެން ޓީމު ލޯ މެޑަލްއެއް ހޯދިއިރު، ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި ސާއިދު ވަނީ 200 މީޓަރު ދުވުމުން ރިހި މެޑަލްއެއް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ