އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.
މި މަހުގެ ހަވަނަ ދުވަހު ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވި މިމައްސަލަ ބަލައިގެންފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށް ވަގުތަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޒިޔަތުގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް ބޭރު ބަޔަކަށް ދިނުމަށްފަހު ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ޒިޔަތުގެ މައްޗަށް މި ދައުވާ އުފުލައި ކޯޓުން މި މައްސަލަ ބަލައިގެންފައިވާއިރު މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ޕީޖީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. މި މައްސަލާގައި އަދީބު މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާއެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި ޒިޔަތު ހައްޔަރުކޮށްފައިވާއިރު، އެމްއެމްޕީއާރްސީ އިން އެތެރެކުރި ބަޑިބޭސް ކޮންޓެއިނަރ އަކާއި ގުޅޭގޮތުންވެސް ޒިޔަތާއި ވަނީ ސުވާލު ކޮށްފައެވެ. ޒިޔަތު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓް ވެސް ވަނީ އެކި ފަހަރު މަތިން ސަލާމަތީ ބާރުތަކުން ބަލާ ފާސްކޮށްފައެވެ. އަދި އެކިފަހަރު މަތިން ފުލުސް އޮފީހަށް ހާޒިރުކޮށް ޒިޔަތާއި ސުވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ