ގާޒީ ޗުއްޓީގައި ހުންނެވުމުން ޒިޔަތުގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ފުލުހުންގެ ބަންދުގައި ހުރި ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:30 ގައެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދުގެ ޝާރީޢަތް ކެންސަލްވީ މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޟީ، އަބްދުﷲ މުހައްމަދު މިއަދު ޗުއްޓީގައި ހުންނެވުމުން ކަމަށެވެ.
ޒިޔަތުގެ މައްޗަށް ދައުވާ ކުރަނީ އެބޯނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް މާލެ އަތޮޅު ފަޅެއް ދިނުމަށްފަހު ދައުލަތައް ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކަކާއި ޒިޔަތު ހަވާލުވެ، އެ ޗެކާއި، ޗެކަށްވީ ފައިސާއަށް ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާތީއެވެ.
މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ޒިޔަތުގެ މައްޗަށް ކުރާ ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ޒިޔަތު އެދުމުން ކޯޓުން އެދުވަހު ވަނީ ހަތް ދުވަސް ދައުވާ އަށް ޖަވާބުދާރީ ވުމަށް ދީފައެވެ.
ޒިޔަތުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާގެ ފުރަތަމަ ޝަރީއަތް ބޭއްވީ މިދިޔަ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ