ނަޝީދު މިނިވަން ކުރަން އަދީބާ އެކު ޑީލްތަކެއް ހަދާފައިވިޔަސް ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް - އުމަރު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާ އެކު އެމްޑީޕީން ހެދި ޑީލްތަކާ ގުޅިގެން ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމުގެ ގާނޫނީ އެއްވެސް ބާރެއް ސަރުކާރަށް ނެތް ކަމަށާއި އަދީބާ އެކު އެމްޑީޕީން ހެދި ޑީލްތަކަށް ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައި ވަނީ 26 ޖުލައި 2015 ވަނަ ދުވަހު ރައީސް ނަޝީދު މިނިވަންކުރާނެ ކަމަށް ސަރުކާރުން އެއްބަސްވިކަމަށް ބުނެ އެމްޑީޕީން މިއަދު ބަޔާނެއް ނެރެފައިވަނިކޮށެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީއާ މަޝްވަރާކުރުމަށް ކަނޑައެޅި ޓީމްގެ އެންމެ އިސް ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އެ މަޝްވަރާތަކުގައި ރައީސް ނަޝީދު މިނިވަންކުރަން އެއްބަސްވެފައިނުވާ ކަމަށް އެމްޑީޕީ އާއި އަދި ހޯމް މިނިސްޓަރ އުމަރު ވެސް ކުރިން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން އަދީބާ އެކު ސިއްރުން ޑީލްތަކެއް ހެދިކަމަށް އެއިރުވެސް އެމްޑީޕީގެ ބައެއް މެމްބަރުން އައީ ބުނަމުންނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ނޫސްވެރިން އޭރު ކުރި ސުވާލުތަކަށް އެމްޑީޕީގެ ލީޑާޝިޕުން ޖަވާބު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ