މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެންއަށް ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެންއަށް ފުރަތަމަ ދަތުރު ފަށައިފިއެވެ.
ޝެންޒެންއަށް ދަތުރު ފެށި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ފުރައިގެން ގޮސް ބެންކޮކް ސުވަރްނަބޫމީގައި މަޑުކުރުމަށް ފަހު މިއަދު ހެނދުނު ޗައިނާގެ ޝެންޒޭންއަށް ވަނީ ޖައްސާފައެވެ.
އެ އެއާލައިންގެ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓު ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ އިރު އަންނަ އޮގަސްޓް 21 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި އަހަރުގެ ކުރީކޮޅު ޗެންގްޑޫ، ބެއިޖިން އަދި ޝަންހާއީއަށް މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފަށާފައިވާ އިރު، ޝެންޒެންއަށް ދަތުރު ފެށުމަކީ ޗައިނާގައި މޯލްޑިވިއަންގެ ބައިވެރިވުން ފުޅާވެގެން ދިއުމެވެ. ޗައިނާއަކީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މައި މާކެޓަށް ވާތީ، ޝެންޒެން ހިދުމަތުގެ ސަބަބުން ކަނެކްޓިވިޓީ ރަނގަޅުވެ، ރާއްޖޭގެ އިގްތިސޯދީ އަދި ފަތުރުވެރިކަމުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ކުރިއެރުމަށް އެންމެ ބޮޑު ކަމިޔާބީއަކީ ދާދި ފަހުން އެ އެއާލައިންގެ ފްލީޓްގައި ވައިޑް ބޮޑީ އެއާކްރާފްޓްތައް ހިމެނުމާއި ދުރު ރާސްތާގެ ދަތުރުތަކަށް މަގުފަހިކޮށްދިނުމާއި އޭޝިއާ އާއި ޔޫރަޕްގެ އިތުރު މަންޒިލްތަކާ މެދު ވިސްނާނެ ގޮތަށް އެ އެއާލައިން ހަމަޖެއްސުމެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓަށް އަށް ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓެއް މި އަހަރުގެ ފަހުކޮޅު ގުޅެން ތައްޔާރުވެފައިވާ އިރު، އިތުރު ރޫޓުތަކަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ