ބްރިކްސްއަށް ތާއީދުކުރާ ގައުމުތަކުން 10 އިންސައްތަ ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެމެރިކާގެ ސިޔާސަތުތަކާ ހިލާފު ބްރިކްސް އިއްތިހާދަށް ތާއީދުކުރާ ގައުމުތަކުން 10 އިންސައްތަ ޓެރިފް ނަގާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ގައުމުތަކުގެ ބައިނަލްއަގުވާމީ ދަރަޖަ އިތުރުކޮށް އެމެރިކާއާއި ޔޫރަޕަށް ގޮންޖަހާލުމަށް ފަރުމާކޮށްފައިވާ ޗައިނާ، ރަޝިޔާ އަދި އިންޑިއާ ހިމެނޭ ބްރިކްސް އިއްތިހާދަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. "ބްރިކްސްގެ އެންޓި އެމެރިކަން ސިޔާސަތުތަކަށް ތާއީދުކުރާ ކޮންމެ ގައުމަކުން ވެސް 10 އިންސައްތަ އިތުރު ޓެރިފް ނަގާނެ. މި ސިޔާސަތުން އިސްތިސްނާވާނެ އެއްވެސް ކަމެއް ނޯންނާނެ،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ. އެމެރިކާއާ އެކު ޓެރިފް އެއްބަސްވުމެއް ހަދަން ގައުމުތަކުން އެއްބަސްވުމުގެ ސުންގަޑި މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ނަމަވެސް އެމެރިކާގެ އޮފިޝަލުން މިހާރު ބުނަނީ އެ އެއްބަސްވުންތަކަށް އަމަލު ކުރަން ފަށާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. ޓެކްސްއާ ގުޅިގެން މިހާތަނަށް އެމެރިކާއިން އެއްބަސްވުންތައް ހަދާފައިވަނީ ހަމައެކަނި އިނގިރޭސިވިލާތާއި ވިއެޓްނާމާ އެކުގައެވެ. ނަމަވެސް، އެމެރިކާއިން އެތެރެކުރާ އިނގިރޭސިވިލާތުގެ ދަގަނޑުން ޓެކްސް ނެގުމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި އެމެރިކާ އަދިވެސް އެއްބަސްވުމަކަށް އައިސްފައެއްނުވެއެވެ. އެމެރިކާގެ އުފެއްދުންތައް އިތުރުކޮށް، ވަޒީފާތައް އުފެއްދުމަށް ކަމަށް ވިދާޅުވެ، ޖެނަވަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން އިމްޕޯޓް ޓެކްސް ނެގުމުގެ ސިޔާސަތެއް އިއުލާނުކުރައްވާފައެވެ. އެގޮތުން، 1977 ވަނަ އަހަރު ފާސްކުރި ބައިނަލްއަގްވާމީ ކުއްލި އިގްތިސާދީ ބާރުތަކުގެ ގާނޫނަށް ރިއާޔަތްކޮށް ޓްރަމްޕް ވަނީ ހުރިހާ ގައުމަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން މަދުވެގެން 10 އިންސައްތަ ޑިއުޓީ ނަގާނެކަން އިއުލާނުކުރައްވާފައެވެ. ބްރިކްސަކީ އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމަށް 2009 ވަނަ އަހަރު ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު ކުރިއަރަމުންދާ ބައެއް އިގުތިސާދުތަކުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ ފުރަތަމަ އުފެދުނުއިރު މެންބަރު ގައުމުތަކުގެ ގޮތުގައި ހިމެނެނީ ބްރެޒިލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާ އަދި ދެކުނު އެފްރިކާއެވެ. 'ބްރިކްސް'އަކީ އެ ޖަމިއްޔާގައި އޭރު ބައިވެރިވި ފަސް ގައުމުގެ އިނގިރޭސި ނަމުގެ ފެށޭ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. އޭގެ ފަހުން މިސްރާއި އިތިއޯޕިޔާއާއި އީރާނާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ވެސް ވަނީ އެ ޖަމިއްޔާއާ ގުޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ