ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އާ ޓާމިނަލް އެކުގައި ނިންމާ، އެމްއޭސީއެލްއާ ހަވާލުކުރެވޭނެ ކަމަށް، ސައުދީ ބިންލާދިން ގްރޫޕުން ލަފާކުރީ މި އަހަރުގެ ފަހުކޮޅަށެވެ.
އާ ޓާމިނަލްގެ އެންމެ ބޮޑު މަސައްކަތެއް ހިންގީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ވިޔަސް، 2023ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން މަންނައަކަށް ހަދަން އާ ޓާމިނަލް ނުހުޅުވޭނެކަން ވެސް، އެނގޭނެ އެވެ. އޭރު ވެސް އެތަން މުޅިން ނިމޭނެ ތާރީހަކަށް އޮތީ، މި އަހަރުގެ ފަހުކޮޅެވެ.
އެކަމަކު ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން ވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅު އެހެން ގޮތަކަށް ގެންގުޅުއްވިކަން އެނގެ އެވެ. އެމަނިކުފާނުގެ އުއްމީދަކަށް އޭރު ވީ 2024ގެ ޓޫރިޒަމް ސީޒަން ފެށެން ވާއިރަށް ޓާމިނަލް ހުޅުވުމެވެ.
"ކޮންޓްރެކްޓަރުންނާއި ފައިނޭންސަރުންގެ ފަރާތުން އަޅުގަނޑު ކުރާ އުންމީދަކީ އަދި އެދުމަކީ، 2024ގެ ޕީކް ސީޒަނުގެ ފައިދާ، ޓޫރިޒަމާއި އޭވިއޭޝަން އިންޑަސްޓްރީއަށް ލިބޭނެ ގޮތަށް، މި މަޝްރޫއު އޭރަށް ވާއިރަށް ނިންމައިދިނުން،" ބަނޑޮސް ރިސޯޓްގައި ބޭއްވި ރިސޯޓްތަކުގެ ޖީއެމް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، 19 އޮކްޓޯބަރު 2023ގައި، ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ކުރިން 'މިހާރު'އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައި އޮތީ އާ ޓާމިނަލް އެއްކޮށް ނުނިމުނަސް ބައިބަޔަށް ބަހާލައިގެން ނަމަވެސް 2024ގައި އެތަނުގެ ހިދުމަތް ފަށަން އުއްދީކުރައްވާ ކަމަށެވެ.
"ކޮންމެ ގޮތަކަށް ވިޔަސް އަޅުގަނޑުމެން ބޭނުމޭ އެއާޕޯޓުން ޓޫރިސްޓުން ގިނައިން ގެނެސް ފުރުވޭ ތަނަކަށް ހަދަން. ދެ ގުނަ ތިން ގުނަައަށް އެއާޕޯޓުގެ ޖާގަ ބޮޑުކުރަން. ޑިއުޓީ ފްރީތައް ވީ ވަރަކުން ފުޅާކުރަން،" އެ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ފަހަރުގައި މުޅި ތަން ނުނިމެނީއޭ އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް. ނުނިމޭ ކަމަށް ވިޔަސް ބައިބަޔަށް ނިންމައިގެން ވިޔަސް، ހުޅުވިދާނެ."
މިހާތަނަށް މަދުވެގެން 430 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ އާ ޓާމިނަލް 26 ޖުލައިގައި، ރާއްޖޭގެ މިނިވަން ދުވަހު، ހުޅުވަން މިހާރު މި އޮތީ ހަމަޖައްސައިފަ އެވެ. ބިންލާދިން ގްރޫޕުން ޓާމިނަލްގެ ހުރިހާ ތަނެއް ކަހަލަ ގޮތަކަށް އެމްއޭސީއެލްއާ މިހާރު އަންނަނީ ހަވާލުކުރަމުންނެވެ. އެމްއޭސީއެލްއިން އެންމެ ފަހުގެ ތައްޔާރީތަކަށް 24 ގަޑިއިރު އެ ގެންދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ރަސްމީކޮށް ފެށުން އޮތީ 21 މޭ 2016ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުންނެވެ. އޭރު ލަފާކުރީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން 2018ގައި ނިމުނު އިރު ހަމައެކަނި ކުރަމުން ދިޔައީ ޓާމިނަލްގެ ފައުންޑޭޝަންގައި ހިމެނޭ 1،400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތެވެ.
ފަހުން އެ މަސައްކަތް ވެސް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އޭގެ ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ. ނަމަވެސް 7 މޭ 2019ގައި، ސޯލިހު ސަރުކާރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޓާމިނަލްގެ އެންމެ ބޮޑު ލޯނު ފޯރުކޮށްދޭ ސައުދީ ފަންޑްގެ އިސް ވަފުދަކާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ ޖޫންގައި އަލުން މަސައްކަތް ފަށާނެ ކަމަށެވެ.
އެމްއޭސީއެލްއިން ދެން ކަނޑައެޅީ 2022ގައި ޓާމިނަލް ނިންމުމުގެ ލަނޑުދަނޑިއެކެވެ. ނަމަވެސް 2020ގައި ލައްވާލި ކޮވިޑް-19އާ އެކު ހުރިހާ މަޝްރޫއުތަކަށް ކުރިމަތިވި ލަސްކަން ޓާމިނަލްގެ ކުރިއެރުމަށް ވެސް އަ އެވެ.
ބިންލާދިން ގްރޫޕަކީ މީޑިއާއަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ދޭ ބައެއް ނޫނެވެ. އެކަމަކު އެ ކުންފުނީގެ ވެބްސައިޓްގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު އާ ޓާމިނަލްގެ މަސައްކަތަށް، ހުޅުލެ އުފެދިފައި އޮތް ގޮތުން ވެސް، ގޮންޖެހުންތައް ހުއްޓެވެ. މިސާލަކަށް ވެލިގަނޑު ދޫވުމާއި ފެން ތިލަވުމެވެ. އެހެންކަމުން އާ ޓާމިނަލްގެ މަސައްކަތަކީ ވަރަށް އުފެއްދުންތެރި ކަމެއްގެ ގޮތަށް ސިފަކުރި އެވެ. އަބަދުވެސް ބިމުގެ ހާލަތު ދެނެގަންނަށް ތަހުލީލުތައް ކުރިއަށް ގެންދިޔަ އެވެ.
ޓާމިނަލްގެ ފައުންޑޭޝަންގައި ހިމެނޭ 1،475 ދަގަނޑު ހޮޅިއަކީ، ހުޅުލޭގެ ބިންގަނޑުގެ ހާލަތަށް ބިނާކޮށް ވަކި ގޮތަކަށް ޑިޒައިންކޮށްފައި ހުރި އެއްޗިއްސެވެ.
"ބައިނަލްއަގުވާމީ އެހެން ބައިވެރިންނާ އެކު މި މަޝްރޫއުއަށް ފުރިހަމަ ހައްލެއް ހޯދައިދެވުނެވެ،" ބިންލާދިން ގްރޫޕްގެ ވެބްސައިޓްގައި ލިއެފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ނިންމި ކުރެހުންތަކަށް އެމްޑީޕީ ސަރުކާރުން ބަދަލުތައް ގެނަ އެވެ. އެގޮތުން މިހާރު ޓާމިނަލްގެ ބޭރުން އެ ފެންނަ ޖާލިތަކުގެ ޑިޒައިން ހިމެނޭ ބަޔާއި ރާޅެއްގެ ސިފަ އެކުލެވޭ ދޮރުތަކަކީ، އޭގެ އެއް ބަދަލެވެ.
ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު އެމްއޭސީއެލް މިހާރު އެ ތައްޔާރުވަނީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ މަރުހަލާއަށެވެ. އެއާ ގުޅޭ ތައްޔާރީތަކުގެ ކޮންމެވެސް ކަމެއް ނުހިނގާ ވަގުތެއް މިހާރު ނުދެ އެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި އިސް ވެރިން ކޮންމެ ދުވަހެއްގެ ރަސްމީ އާއި ނުރަސްމީ ގިނަ ވަގުތުތަކެއް ހޭދަކުރައްވަނީ ވެސް، އާ ޓާމިނަލްއާ ބެހޭ ކަމެއްގަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި އުފާވެރި ހަރުފަތަށް އާދެވުނީ ރައީސް މުއިއްޒުގެ ވިސްނުންފުޅާ އެކުގަ އެވެ.
މިހާ ބޮޑު މަޝްރޫއުއެއްގެ ނިމުން ރަސްމީކޮށް ފާހަގަކޮށް، ފުރަތަމަ ދަތުރުވެރިން އެތަނުގެ ބޭނުން ހިފާ ވަގުތުކޮޅު ވަރަށް ހާއްސަވާނެ އެވެ. އެ ތާރީހީ ސަފުހާ ޝަރަފުވެރިކޮށްދެއްވުމުގެ ފުރުސަތު މި އޮތީ ރައީސް މުއިއްޒަށެވެ.
އާ ޓާމިނަލް ހުޅުވުމުގެ ތާރީހީ ދުވަސް ކައިރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ