ރައީސް މުއިއްޒު ކޮމަންވެލްތްގެ އެސްޖީއާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.ރައީސް އޮފީހުން ބުނީ މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ދެއްވި ކަމަށެވެ.މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑާޝިޕްގެ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރައްވައިފަ އެވެ.ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.ރައީސް އިނގިރޭސިވިލާތަށް ދަތުރުފުޅެއް މި ކުރައްވަނީ ރާއްޖޭގެ މިނިވަން ކަމަށް މި މަހު 26 ގައި 60 އަހަރު ފުރޭ މުނާސަބަތުގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ ވެސް 60 އަހަރު ފުރުމާ ދިމާކޮށެވެ.ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ގުޅުން ގާއިމްކުރީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު ޖުލައި 26، 1965 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ