ދެވަނަ ބުރަށް 25،000 އަށްވުރެ ގިނަމީހުން ރީ-ރަޖިސްޓްރޭޝަނަށް، މައްސަލަ ބަލަން، މުއިއްޒު ގޮވާލައްވައިފި

މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނި މައްސަލަ ބަލަން، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެ އަދަދަށް ރީ ރަޖިސްޓްރީ ކުރުމަށް މީހުން ހުށަހަޅާފައިވާ ކަމަށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވުމުން، ރައްދު ދެއްވައި ޑރ. މުއިއްޒު ވަނީ އެކަމާ ސުވާލު އުފައްދަވައިފައެވެ.
ދެވަނަ ބުރުގައި ވޯޓުލުމަށް، އެހާ ގިނަ މީހުން ދެ ދުވަހުގެ ތެރޭގައި ރީ-ރެޖިސްޓްރޭޝަނަށް ހުށަހެޅުމަކީ، ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކުންނާއި، އިންތިހާބުގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކުން އެކަން ބެލުމަށް މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00 އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، މިފަހަރު ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ފޯމް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާއިރު، އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
ރީރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން، 10271 މީހުން މިހާތަނަށް ރީ-ރަޖިސްޓަރީ ކޮށްދީފައިވާކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށާއި، ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަނަށް އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ނުނިމި ހުރި ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ، މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ