ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދުކުރައްވަން ނިންމަވައިފި އެވެ. އެއާ އެކު، އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތެއް ޖޭޕީން މިއަދު ބާއްވަން އުޅުނު ކައުންސިލް ބައްދަލުން ވެސް ވަނީ ފަސްކޮށްފަ އެވެ.
ވީ ކިހިނެއް؟ - ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީގެ ތެރެއިން ޖޭޕީއިން ކޯލިޝަން ހަދާނޭ ފަރާތެއް ނިންމުމަށް ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.
ނަމަވެސް، ޖޭޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާސިމްއާ މަޝްވަރާކުރައްވަން އެދިވަޑައިގެންފައިވާތީ މިއަދު ބާއްވަން އޮތް ކައުންސިލް ބައްދަލުވުން ފަސްކުރީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހާއި ގާސިމް މިއަދު މެންދުރު ފަހު ބައްދަލުކުރައްވާނެ އެވެ.
"ކައުންސިލް ބާއްވާނީ އެ މަޝްވަރާތަކަށް ފަހު،" އޮފިޝަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި %46 ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި %39 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފަސްމަންޒަރު - 2018 ވަނަ އަހަރު ކޯލިޝަަން ސަރުކާރެއް ގެނައުމަށް ޖޭޕީން އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރީ ވަކިންނެވެ.
މީގެ ކުރިން 2008 އަދި 2013ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ތިން ވަނަ ހޯއްދެވި ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. އެއީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަަރު ނަސީރަށް ވުރެ ވެސް ދަށް ނަތީޖާ އެކެވެ.
ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމްގެ ޖުމްހޫރީ ޕާޓީގައި 22،600އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، 17،000 ޖޭޕީގެ މެންބަރުންގެ ވޯޓު ގާސިމްއަށް ނުލިބޭކަން ވަގުތީ ނަތީިޖާ އިން ދައްކަ އެވެ
ރައީސް އާއި ގާސިމް ބައްދަލުކުރައްވަނީ؛ ޖޭޕީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ