ކުރިން ހުރީ އިންތިހާބުގައި ވާދަނުކުރާ ގޮތަށް، އެކަމަކު މި ނުކުތީ ރައީސް ސޯލިހު ސަލާމަތްކުރަން: ގާސިމް

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނުކުންނެވީ، އަނބިދަރިންނަށް ކާންބޯން ނުދެވިގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިން ދަތުރުގައި، މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރިން ހުންނެވީ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުނުކުރައްވަން ނިންމަވައިގެން ކަމަށާއި ފަހުން އިންތިހާބަށް ނުކުންނަން މަޖުބޫރުވެވަޑައިގެންނެވީ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ނުކުންނަން މަޖުބޫރުވި ގިނަ ސަބަބުތަކެއް ގާސިމް ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ސަބަބެއްގެ ގޮތުގައި ގާސިމް ވިދާޅުވީ، އެހެން ފަހަރުތަކާ ހިލާފަށް ގިނަ ރައްޔިތުންތަކެއް ރިޔާސީ އިންތިހާބުގައި ބައިވެރިވާން ގާސިމްގެ އަރިހުން އެދެމުން ދިއުން ކަމަށެވެ. އޭގެ އިތުރުން އިޖުތިމާއީ، އިގުތިސާދީ އަދި ސިޔާސީ ދާއިރާގައި ނޭދެވޭ ކަންތައްތައް ހިގަމުންދިއުންވެސް ސަބަބުތަކުގެ ތެރޭގައި ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވަނީ، ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކޮށްފައިވާ ކަމަށްވެސް ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން އެބަތިބިކަން ފާހަގަކުރައްވައި އެއީވެސް ރިޔާސީ ރޭހަށް ނުކުންނެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ ކަންތައްތަކާއެކު ރައީސް ސޯލިހު ހުންނެވީ ބައެއްގެ އަތްދަށުގައި ފިތިފައިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ނުކުންނެވި ސަބަބުތަކުގެ ތެރޭގައި، ރައީސް ސޯލިހު އެ ކަންތައްތަކުން ސަލާމަތްކުރުންވެސް ހިމެނޭ ކަމަށެވެ.
"ކޮންމެ ފަދަ އެއްޗެއް ގޮވިޔަސް އަޑުއިވި ވަޑައިގަންނަވާ ކަމަށް ނުހައްދަވާ. ތަކަށް ކިޔަނީ މަރިޔަނބޭ ވެސް ހީނުކޮށް، އެ ހުންނަވަނީ އެ މަނިކުފާނަށް ކާންބޯން ލިބިވަޑައިނުގަންނަވައިގެންތޯ؟ އެހެންނެއް ނޫން، އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތްދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ، އެއްވެސް ފަރާތަކަށް ގުޑިލެވޭނެ އެއްވެސް ފުރުސަތެއް ނެތީ، އަޅުގަނޑު މި ނުކުތީ އެކަމުން އެ މަނިކުފާނު ސަލާމަތްކޮށްދޭން،" ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ރިޔާސީރޭހަށް ނުކުންނެވީ، ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ސިލްމާއި ސަލާމާއި ރައްކާތެރިކަމާއި ރައްޖޭގެ މުސްތަގުބަލް އަމާންކަމާއި މިނިވަންކަމުގައި ބޭއްވުމުގެ ގޮތުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ