ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭފުޅުން އައްޔަން ކޮށްފިއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަން ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ވަގުތީ ގޮތުން ކޯޓުގެ ހިންގެވުމާ މިހާރު ވެސް ހަވާލުވެ ހުންނެވި ޝަހީދު އެކަންޏެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުންނެވެ.
ޝަހީދަކީ 2018 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން 2018 ވަނަ އަހަރުން ފެށިގެން ޝަހީދު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައެވެ. އޭނާ ވަނީ މީގެކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރައްވާފައެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ޖޭއެސްސީން އައްޔަން ކުރީ އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދެވެ. މިއީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އެ މަގާމަށް ގާޒީ ހާފިޒާ އަބްދުއްސައްތާރު ވެސް ކުރިމަތިލެއްވިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.
ގާޒީ މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ. ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލް ކޮށްފައެވެ. ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ގާޒީ މަރިޔަމް ވަހީދު ވަނީ މެޖިސްޓްރޭޓް ކަން ވެސް ކުރައްވާފައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރިޔަމް ވަހީދު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ