ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ، ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމަށް ސްޓެލްކޯއާ ހަވާލްކޮށްފި!

ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމަށް ސްޓެލްކޯ އާއި ހަވާލު ކޮށްފި އެވެ. 
މިމަސައްކަތް ސްޓެލްކޯ އާއި ހަވާލު ކޮށްފައިވަނީ، ވިލިމާލޭގެ ކަރަންޓު ދިނުމުގެ މިހާރު ހާލަތު ދެނެގަނެ، ނިޒާމު މަރާމާތުކޮށް އަޕްގްރޭޑްކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި ތަންފީޛުކުރަން ފެށުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީއާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމޭޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ފަހުމީއެވެ.
Advertisement
މި މަސައްކަތުގެ ސުންގަޑިއަކީ މި ފަހުމުނާމާގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން މަސްދުވަސް ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. 
މިއީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، ކުރިއަށްއޮތް ވިހިއަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، މަރާމާތުކުރުމަށާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ކުރުމުގެ މަގުސަދުގައި ވެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 
މި ފަހުމުނާމާގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަޢުލޫމާތު ކަމާގުޅޭވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި، ފަހުމުނާމާގެ ދަށުން ތައްޔާރުކުރެވޭ ތައްޔާރުކުރެވޭ މަޝްރޫޢުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުން ހިމެނޭ ކަމަށް މިިނިސްޓްރީން ބުނެފައިވެއެވެ. 
ފަހުމާނުގެ ދަށުން ސްޓެލްކޯއަށް ކުރަންޖެހޭ ކަންކަމަކީ؛ 
1) ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުން
2) ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ޙާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުން،
3) އެ ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމިކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުން.
4) ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދައު ކަނޑައެޅުން
5) ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތުކޮށް އަޕގްރޭޑް ކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ