ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއީލް ސިފައިން ހިންގަމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އާއިލާއެއް ދިރިއުޅެމުންދިޔަ ގެއެއް ބިމާ ހަމަކޮށްލައިފިއެވެ.
މިގެ ވައްޓާލީ އާންމުކޮށް އިޒްރާއީލުން މިފަދަ އަމަލުތައް ހިންގުމަށް ބޭނުންކުރާ އުޒުރެއް ކަމުގައިވާ "އިމާރާތް ކުރުމުގެ ހުއްދަ ނެތް" ކަމަށް ބުނެއެވެ.
އަނަޑޯލު އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރާއީލު ސިފައިން ސަލްފިޓް ގަވަރނޯރޭޓްގެ ކަފްރު އަލް-ދިކް ރަށަށް ވަދެ މީހުން ދިރިއުޅެމުންދިޔަ ގެއެއް ވަނީ ވައްޓާލައިފައެވެ.
މިކަން ހިނގީ އިޒްރާއީލުން ހުޅަނގުއައްސޭރީގެ އުތުރުގައި ހިންގަމުންދާ ހަމަލާތަކުގެ ތެރޭގައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު އެތައް ގެއެއް ވަނީ ވައްޓާލާފައެވެ. މީގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.
ރަސްމީ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެޒިސްޓަންސް ކޮމިޝަނުން ބުނާގޮތުގައި ފާއިތުވި މަހު އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 126 އިމާރާތް ވައްޓާ ވައްޓާލާފައެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 74 ގެ އާއި އަދި ދަނޑުވެރިންގެ 29 އިމާރާތެއް ހިމެނެއެވެ.
އިޒްރާއީލުން އާންމުކޮށް ފަލަސްތީނުގެ ގެތައް ވައްޓާލުމަށް ބޭނުންކުރާ އުޒުރަކީ އިމާރާތް ކުރުމުގެ ހުއްދަ ނެތް ކަމަށް ބުނުމެވެ. މިގޮތަށް ޚާއްޞަކޮށް ވައްޓާލަނީ ހުޅަނގު އައްސޭރީގެ 60 އިންސައްތަ ހިއްސާވާ އޭރިއާ ސީ ގައި ހުންނަ ގެތަކެވެ.
1995 ވަނަ އަހަރު އިޒްރާއީލާއި ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަނާ ދެމެދު ވެވުނު އޮސްލޯ އެއްބަސްވުމުގެ ދަށުން، އިރުމަތީ ގުދުސް ހިމެނޭގޮތަށް ހުޅަނގު އައްސޭރި ބަހާލެވިފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ އޭރިއާ އޭ، ބީ އަދި ސީ އެވެ. އޭރިއާ ސީ އަކީ ފަލަސްތީނުގެ މީހުންނާއެކު ފަހުގެ އެއްބަސްވުމަކަށް އާދެވެންދެން އިޒްރާއީލުގެ އިދާރީ އަދި ސަލާމަތީ ބާރު އޮންނަ ސަރަހައްދެކެވެ.
މިގެތައް ވައްޓާލުމުގެ އިތުރުންވެސް ޖެނުއަރީ 21 ވަނަ ދުވަހު އިޒްރާއީލު ސިފައިން ޖެނިން ސިޓީ އާއި އެތަނުގެ ރެފިއުޖީ ކޭމްޕަށް ހަމަލާދީ މަދުވެގެން ފަލަސްތީނުގެ 26 މީހުން ޝަހީދުކޮށްލިއެވެ. މި ހަމަލާ ފަހުން ފުޅާކުރެވި ޓުލްކަރަމް ސިޓީއަށްވެސް ހަމަލާދީ، އެތަނުން ވެސް މަދުވެގެން ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށްލިއެވެ.
އިޒްރާއީލު ސިފައިން ފަލަސްތީނު އާއިލާއެއް ދިރިއުޅޭ ގެއެއް ބިމާހަމަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ