ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، 'ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް' އެވޯޑް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ އެ މަނިކުފާނުގެ ސްކޫލް ދައުރުގައި ސްކައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ހަރަކާތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިދިޔަ ފަސްދޮޅަސް ނުވަ އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ހިންގިއިރު، ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް މުޖުތަމަޢަށް ސްކައުޓް ހަރަކާތުގެ ތެރެއިން ހޯދައިދެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކުދި ކަންކަމުން ފެށިގެންގޮސް، ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ޔަޤީނުންވެސް ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަންދީފައިވާ އަދި ދެމުންވެސްދާ ހަރަކާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރލްޑް ސްކައުޓް ބެޖް އެރުވީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޡީފެވެ. މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ފާހަގަކުރާ ޤައުމީ ސްކައުޓް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރެއްވިއެވެ. އަދި ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމުގައި އެ މަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ