އެމެރިކާއިން އީރާނަށް ހަމަލާދިނުމާ އެކު ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން އިއްޔެ ދިން ހަމަލާތަކަށް ފަހު، ތެލުގެ ސަޕްލައިއަށް ބުރޫއަރާނެ ކަމަށް ލަފާކޮށްފައިވަނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ. މިއީ މިދިޔަ ޖަނަވަރީ މަހަށް ފަހު ތެލުގެ އަގު އެންމެ މައްޗަށް އުފުލުނު ފަހަރެވެ. ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅާ، ބްރެންޓް ކްރޫޑް ސާފުނުކުރާ ތެލުގެ އަގު އިއްޔެ ވަނީ 1.92 ޑޮލަރު ނުވަތަ 2.49 ޕަސަންޓް މައްޗަށް ގޮސްފައެވެ. ތެޔޮ ފީފާއެއްގެ އަގު 78.93 އަށް އުފުލިފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓާމީޑިއަޓް (ޑަބްލިޔުޓީއައި) ސާފުނުކުރާ ތެލުގެ އަގު 1.89 ޑޮލަރު ނުވަތަ 2.56 ޕަސަންޓަށް މަތިވެފައިވާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ 75.73 ޑޮލަރަށް އުފުލިފައެވެ. ތެލުގެ އަގުތައް އުފުލުނީ އެމެރިކާއިން އިއްޔެ އީރާނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި ހަމަނުޖެހުން އުފެދިފައިވަނިކޮށެވެ. ޖޫން 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށުމާ އެކު، މިދިޔަ ހަފުތާގައި ވެސް ބްރެންޓް ތެލުގެ އަގު ވަނީ 13 ޕަސަންޓް މައްޗަށް ގޮސްފައެވެ. ޑަބްލިޔުޓީއައި ވަނީ ގާތްގަނޑަކަށް 10 ޕަސަންޓް މައްޗަށްގޮސްފައެވެ. އީރާނަކީ އޯޕެކްގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އެމެރިކާގެ އެ ހަމަލާތަކަށް ފަހު، ބަދަލު ހިފުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފާނެކަމުގެ ބިރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ކުރިއަށްއޮތް ތަނުގައި ވެސް ތެލުގެ އަގު އުފުލޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ގާނޫނުހަދާ މަޖިލީހުން ވަނީ އެ ކަނޑުއޮޅި ބަންދުކުރުމަށް މިހާރު ނިންމާފައެވެ. ކަނޑުއޮޅި ބަންދުކުރާނެ ކަމަށް މީގެ ކުރިން ވެސް އިންޒާރު ދީފައިވާއިރު، އެކަން އެގޮތަށް އަދި ކޮށްފައެއްނުވެއެވެ. މި ސަރަހައްދުން ބޭރަށް ތެޔޮ ހިފައިގެން ދަތުރުކުރެވޭނެ މަގުތައް ހުރި ނަމަވެސް ހަރުމުޒް ކަނޑުއޮޅިން ނޫނީ ނުގެންދެވޭނެ މިންވަރުގެ ތެޔޮ އަދިވެސް ހުންނާނެ ކަމަށް މާހިރުން ބުނެއެވެ. މަހެއްހާ ދުވަހުގެ މުއްދަތަށް އެ ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު ދެބައިކުޅަ އެއްބައި ދަށްކޮށްފިނަމަ، ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް އުފުލޭނެ ކަމަށް އިންވެސްޓްމެންޓް ބޭންކް، ގޯލްޑްމަން ސެކްސްއިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ