'ދައުރު'އަށް އަންގާރަދުވަހު ދެއްވި ހާއްސަ އިންޓަވިއުގައި އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އިސްކަން ދެއްވާ މުހިންމު ތިން ދާއިރާއަކީ ކޮބައިތޯ ސުވާލުކުރުމުން ވަރަށް އަވަސްކަމާއި ފަރިތަކަމާއި އިތުބާރާ އެކު ތިން ދާއިރާއެއް އޭނާ ލިސްޓުކޮށްލަދެއްވި އެވެ. އެއީ:
ތަހުގީގުތައް ހަރުދަނާކުރުން
ގާނޫނުތައް އޭގެ އަސްލު މާނައިގައި ތަންފީޒުކުރުން
ކުށްތައް ހިންގުމުގެ ކުރިން އެކަންކަން ހުއްޓުވުން
ފުލުހުންގެ އެކި ފެންވަރުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރަކަށް ވަޑައިގެން ނަވީން އޭނާގެ ކޮމިޝަނަރު ކަމުގައި އެންމެ ބޮޑަށް އިސްކަން ދެއްވާނޭ ތިން ދާއިރާ ކަނޑައަޅުއްވާފައި ވަނީ، ނަވީން ވިދާޅުވި ގޮތުގައި، ފުލުހުންގެ އިދާރާގައި އޭނާއަށް ކުރެއްވުނު 31 އަހަރަށް ވުރެ ގިނަގުނަ ދުވަހުގެ ތަޖުރިބާތަކުގެ މައްޗަށް ބައްލަވައިގެންނެވެ.
ޗެލެންޖުތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވަ އެވެ.
"އެންމެ ޖޫނިއާ މަގާމުތަކުން ފެށިގެން ތަހައްމަލްކޮށްފައި ހުރިހާ ހަރުފަތްތަކެއް ގިރާކޮށްފައި މިއައީ. ޗެލެންޖަސް ހުރި ދިމާތައް އަޅުގަނޑަށް ހުރީ އެނގިފައި. ތަހުގީގު އޭރިއާގައި ވެސް މަސައްކަތް ކުރެވިފައި ހުރީ. އޮޕަރޭޝަނަލް އޭރިއާ ކުރައިސިސްތަކުގައި ވެސް މަސައްކަތް ކުރެވިފައި ހުރީ،" ނަވީން ވިދާޅުވި އެވެ.
"ރެސިސްޓް ކުރަން ހުރި ދާއިރާތައް ވެސް އަޅުގަނޑަށް އެނގޭ. އޮޕަރޭޝަނަލް ބަދަލުތައް، ޑިއުޓީ ބަދަލުތައް ގެންނަ ކަމަށް ވަންޏާ އެ ދިމާލުގައި ހުރި ކަންތައްތައް ރަނގަޅުކުރާނަން އަޅުގަނޑު. އެ ކޮންފިޑެންސް އެބަހުރި."
ނަވީން ވިދާޅުވި ގޮތުގައި މީގެ ކުރިން ފުލުހުންގެ ތެރޭ ކަންކަން ރަނގަޅުކުރަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަންކަން ކުރެވޭނެ މަގުތައް ފަހިކޮށް ނުދީ ކަންކަން ކުރަން ދަށުގައި ތިބޭ އޮފިސަރުންނަށް އިރުޝާދު ދިނުމެވެ. އެކަމަކު، އެކަން އޭނާ ތަކުރާރު ނުކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ކުރަން ތިބި އޮފިސަރުންގެ ޓްރަސްޓާއި އެބޭފުޅުންގެ ކޮންފިޑެންސާ އެއްޗިހި އަޕްލިފްޓް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ގެންދަނީ. ކުރިން މައްސަލައަކީ ކުރާށޭ ބުނެފައި އެ ކުރާނެ މަގު ނުދެއްކުނީމާ ދިމާވާ މައްސަލަ. ފައިނޭންސް، އެއަށް ބޭނުންވާ ވަސީލަތްތައް އެކަންކަން ފަހިނުކޮށްދެވުނީމާ މި ނުވަނީ. އޭގައި ރެސިސްޓެންޓް މި ހުންނަނީ،" ނަވީން ވިދާޅުވި އެވެ.
"މަގު ދައްކާފައި ކުރެވޭނެ ގޮތް ކިޔައިދިނީމާ ކަންކަން ކުރެވޭނެ ކަމަށް އަޅުގަނޑު ބަލަނީ."
އެގޮތުން އޭނާ ވިދާޅުވީ ފުލުހުންގެ ވަސީލަތްތައް ޒަމާނީކުރުމާއި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރެއްވުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އޮޕަރޭޝަންސް، އިންވެސްޓިގޭޝަން، އިންޓެލިޖެންސް އަދި ސަޕޯޓް ހިދުމަތްތައް ކަމަށްވާ ފޮރެންސިކްސް ޒަމާނީކޮށްލެއްވުމަށް އޭނާ ހުންނެވީ ގޮތްތަކެއް ރާއްވަވައިގެންނެވެ.
އެއީ ފަސޭހަ ކަންތައްތަކެއް ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. އެހެންވެ ހަވާލުވެފައި އޮތް ޒިންމާ ނަންގަވަނީ ކުޑަކޮށެއް ނޫނެވެ. ނަވީން ވިދާޅުވީ ކުރިމަތީގައި ހުރި ޗެލެންޖުތައް ވަރަށް، ވަރަށް ގިނަ ކަމަށެވެ. ރަނގަޅުކޮށް ހަމަމަގަށް އަޅުވަން ޖެހޭ ކަންކަން ވެސް ލައްކަ ގިނަ އެވެ.
ނަމަވެސް އެއިން ކޮންމެ ކަމަކަށް ވެސް ހައްލު އޮންނާނެކަން އޭނާއަށް އެނގިވަޑައިގަނެ އެވެ.
"ފްރޮންޓްލައިން ޕޮލީސިންއިން ފެށިގެން ގޮސް އިންވެސްޓިގޭޝަންސް، އަތޮޅު ތެރޭގައި މިދޭ ހިދުމަތްތައް ވެސް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުރި ޗެލެންޖުތައް ވެސް އެބަހުރި. ރަނގަޅުކުރުމުގެ ފުރުސަތު ހުރި ދިމާތައް ވެސް އެބަހުރި. މިހާރު ވެސް ކުރާ މަސައްކަތް ކުޑަކުޑަކޮށް ބަދަލުކޮށްލައިގެން މާ ބޮޑަށް ފައިސާ ހަރަދުނުކޮށް ކުރެވިދާނޭ ކަންކަން އެބަހުރި،" ނަވީން ވިދާޅުވި އެވެ.
އާންމުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ވީހާވެސް އަވަހަށް ފޯރުކޮށްދޭން ރަނގަޅު ނިޒާމެއް ގާއިމްކުރަން ވަނީ ނިންމަވައިފަ އެވެ.
އެކަން ކުރުމަށް އޭނާ ވިސްނަވާ ގޮތަކީ، ނަވީން ވިދާޅުވި ގޮތުގައި، މައްސަލަތައް ސްޕަވައިޒު ކުރާ އޮފިސަރުންނަށް ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާނޭ ބާރާއި އިހުތިޔާރު ބޮޑުކުރުމެވެ.
"އެންމެ ފުރަތަމަ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކުރުމާ ހަމައިން މި ފަށަނީ،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުންގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ކަމެއްގައި ފުލުހުންނަށް އާންމުން ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އެހެންވެ އާންމުން ފުލުހުންނަށް ކުރާ އިތުބާރު މިހާރަށް ވުރެ ވަރަށް ބޮޑުތަނުން މަތިކުރަން ޖެހޭ ކަމަށް އޭނާ ދެކަވަޑައިގަންނަވަ އެވެ.
"ވަރަށް ޑިމާންޑިން ޖޮބެއް މިއީ. އެއީ ހުރިހާ ކަމެއްގައި ފުލުހުން އިންވޯލްވާން [އާންމުން] އެދޭ. ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ރައްޔިތުން އެދިއެދި ތިބެނީ،" ނަވީން ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ތަފާތުކުރުމެއް ނެތި ފުލުހުން ގާނޫނު ނަގަހައްޓާ ނަމަ އޭގެ ޒާތުގައި ފުލުހުންގެ މައްޗަށް އޮންނަ އާންމުންގެ އިތުބާރު ބޮޑުވަމުން އަންނާނެ އެވެ. އެކި އޮއިވަރުތަކުގައި ނުޖެހި، ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރާ ފުލުހުންގެ މުއައްސަސާއެއް އުފެއްދުމަށް ހުރިހާ ފުލުހުންގެ އެއްބާރުލުމަށް އޭނާ އެދިވަޑައިގަނެ އެވެ.
"ފުލުހުންގެ ފުރަތަމަ ބައްދަލުވުމުގައި ވެސް، އެގްޒެކެޓިވް ބޯޑުގައި ވެސް ފާހަގަކުރި ވާހަކައަކީ ސިޔާސީ ކަންތައްތަކަށް ދިޔުމުން މި އޮގަނައިޒޭޝަނަށް ވޭތުވެ ދިޔަ ތަނުގައި ދިމާވެފައި ހުރި ގޮންޖެހުންތަކާއި ދިމާވެފައި ހުރި ކަންތައްތައް،" ނަވީން ވިދާޅުވި އެވެ.
"ހުރިހާ އެގްޒެކެޓިވުން ވެސް ދެއްވި ޔަގީންކަމަކީ މޯލްޑިވްސް ޕޮލިސް ސާވިސް ހިންގުމަށް އެހީތެރިވެދެއްވާނަމޭ. ރައްޔިތުން އެދޭ ފަދަ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނަމޭ."
ރައްޔިތުން އެދޭ ވަރަށް ފުލުހުން މަސައްކަތް ކުރުމަށްޓަކައި، ނަވީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އެކަމަަށް ފުލުހުންގެ ތަހުގީގު އޮފިސަރުން ތާޒާކުރުމުގެ ޕްރޮގްރާމުތައް ވަކި ތާވަލެއްގެ ދަށުން ހިންގަން ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު މިހާރު ކުށްތައް ކުރާ ފަރާތްތަކުން ކޮންމެ ކަމެއް ކުރާއިރު ވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާކަން ފާހަގަކުރައްވައި ނަވީން ވިދާޅުވީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ ތަހުގީގު އޮފިސަރުން އުފައްދަން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
"އެއީ ވަގުތުން ވަގުތަށް ވެސް އަޅުގަނޑުމެން އިންވެސްޓްކުރަން ޖެހިފައިވާ ދާއިރާއެއް،" ނަވީން ވިދާޅުވި އެވެ.
ފުލުހުންނަށް އޮންނަ ޕްރެޝަރަކީ ވީހާ އަވަހަކަށް ތަހުގީގު ނިންމަން އާންމުން އެދޭ އެދުން ކަމަށް އޭނާއަށް އެނގިވަޑައިގަނެ އެވެ. އެ ހުރިހާ ކަމަކާ އެކު ވެސް ފުލުހުންގެ ތަހުގީގުތައް ކުރުމުގައި ބަލަން ޖެހޭ ކަންކަމާއި އިޖުރާއަތްތައް ހުންނަކަން އާންމުން ވެސް ބަލައިގަންނަން ޖެހޭކަން ނަވީން ފާހަގަކުރެއްވި އެވެ. އެ އުސޫލުތައް ހިފަހައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީރީސްއެއްގެ އެޕިސޯޑެއް ނިމޭއިރު އެވާގޮތަށް އެކަން [ތަހުގީގު] ނިމެން މި އޮންނަނީ އެކްސްޕެކްޓޭޝަން. އެކަމަކު ރަނގަޅު ތަހުގީގަކަށް ވަގުތުކޮޅެއް ނަގާނެ. ކުރީ ގޮތަކަށް ނޫން އޮންނަނީ. އެވިޑެންސް ނެގުމާ މި ހުރިހާ ކަމެއްގައި ފޮލޯ ކުރަން ޖެހޭ އިޖުރާއަތްތަކެއް އޮވޭ،" ނަވީން ވިދާޅުވި އެވެ.
ތަހުގީގު ކުރުމުގެ ދާއިރާގެ އިތުރަށް ކުށްތައް ހުއްޓުވުމާއި ޓެކްނޮލޮޖީއާ އެކު އަންނަ ކަންކަމަށް މީހުން ހޭލުންތެރި ކުރުމާއި މަގުމަތީގެ ސަލާމަތްތެރިކަން ފަދަ ކަންކަން ވެސް ނަވީންގެ އެޖެންޑާގެ ކުރީގައި އެބަ އޮތެވެ.
"ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމަށް ފުރަތަމަ ފޯކަސް މިއޮތީ،" ނަވީން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވަކި އިސްތިސްނާ ކުރާނޭ ދާއިރާއެއް ވެސް ނެތެވެ.
"ހުރިހާ އެންގަލްއަކުން ހޯލިސްޓިކް އެޕްރޯޗެއްގައި މުޅި ޕޮލިސިންގެ ހިދުމަތް ރަނގަޅުކުރަން މި އުޅެނީ."
ނިއްމާލައްވަމުން ނަވީން އާންމުންނަށް މެސެޖެއް ދެއްވި އެވެ. އޭނާ ހުންނެވީ އާންމުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ފާޑުކިޔުން ބަލައިގަންނަވައި، ކަންކަން އިސްލާހުކޮށްގެން ކުރިއަށް ވަޑައިގަންނަވާށެވެ. އެކަމަކު، އެކަމުގައި އޭނާ ރައްޔިތުންގެ އެހީ އާއި އެއްބާރުލުމަށް އެދިވަޑައިގެންނެވި އެވެ.
"ވަށައިގެން ހިނގާ ކަންތައްތަކުގެ މައުލޫމާތު އަޅުގަނޑުމެން އެބަ ބޭނުންވޭ. ތިބޭފުޅުންނަކީ މުޅި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކެއްގައި އުޅުއްވާ ބޭފުޅުން ކަމަށް ވާތީވެ އެ މައުލޫމާތު، ކުށެއް ހިނގާކަން ނުވަތަ ފެންނަކަން ވީހާވެސް އަވަހަށް އަޅުގަނޑުމެންނާ އެ މައުލޫމާތެއް ރިޕޯޓްކޮށްދެއްވާށޭ،" ނަވީން ވިދާޅުވި އެވެ.
އާ ޕޮލިސް ކޮމިޝަނަރު ނަވީން: ދަސްކޮށް އެނގިގެން، އިތުބާރާ އެކު ބަދަލަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ