ލެވަންޑޯސްކީ ގައުމީ ޓީމު ބޮއިކޮޓް ކުރުމުން ޕޮލެންޑް ކޯޗުކަމުން ޕްރޮބިއާޒް އިސްތިއުފާދީފި ލެވަންޑޯސްކީ ގައުމީ ޓީމު ބޮއިކޮޓް ކުރުމުން ޕޮލެންޑް ކޯޗުކަމުން ޕްރޮބިއާޒް އިސްތިއުފާދީފި

ވޯސޯ، ޕޮލެންޑް (ޖޫން 13) - ޕޮލެންޑްގެ ކޯޗަކަށް މިޝަލް ޕްރޮބިއާޒް ހުއްޓައި، ދެން ގައުމީ ޓީމަށް ނުކުޅޭނެކަަމަށް، އެ ޓީމުގެ ތަރި، ރޮބަޓް ލެވަންޑޯސްކީ ނިންމައި، ގައުމީ ޓީމު ބޮއިކޮޓްކުރުމާ އެކު، ޕްރޮބިއާޒް މަގާމުން އިސްތިއުފާދީފި އެވެ.
ލެވަންޑޯސްކީ، 36، އަތުން ކެޕްޓަން ބޭންޑް ނަގަން، ޕްރޮބިއާޒް ނިންމުމުން އެކަމާ ވަނީ މައްސަލަ ގޯސްވެފަ އެވެ. ޕޮލެންޑް އެފްއޭ އިން ހާމަކުރި ގޮތުގައި، ލެވަންޑޯސްކީ އަތުން ކެޕްޓަން ބޭންޑް ނަގައި، ޕިއޮޓްރޭ ޒިއެލިންސްކީއާ ހަވާލުކުރަން، ޕްރޮބިއާޒް ވަނީ ނިންމައިފަ އެވެ. މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ، ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، މި ދިމާވި ކަންތައްތަކަށް ފަހު، ކޯޗު ޕްރޮބިއާޒް އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، ޕްރޮބިއާޒް ހުއްޓައި، ގައުމީ ޓީމަށް ދެން ނުކުޅޭނެ ކަމަށެވެ.
އޭގެ ފަހުން، ވޯލްޑް ކަޕް ކޮލިފައިންގައި، ފިންލެންޑް އަތުން 2-1 އިން ޕޮލެންޑް ބަލިވި މެޗަށް ފަހު، ޕްރޮބިއާޒް އަށް އޮތް ޕްރެޝަރު ބޮޑުވެ، އޭނާ މަގާމުން އަމިއްލަ އަށް ދުރުވީ އެވެ. ޕްރޮބިއާޒް ބުނީ، މިހާރު ދިމާވެފައި އޮތް ހާލަތަށް ބަލާއިރު، އޭނާ އަށް ފެންނަ ގޮތުގައި، އެންމެ ރަނގަޅު ނިންމުމަކަށްވާނީ، ގައުމީ ޓީމާ ދުރުވުން ކަމަށެވެ.
"މި މަގާމުގައި ހުރެ، ޕްރޮފެޝަނަލްކޮށް ކަންކަން ކުރުމަކީ، އަހަރެންގެ ހުވަފެނެއް. މިއީ، އަހަރެންގެ ހަޔާތުގައި ވެސް ފަހުރުވެރިކަމާ އެކު އަދާކުރި ވަޒީފާއެއް. އަހަރެން އެދެނީ ޕޮލެންޑަށް ކާމިޔާބަށް، އުންމީދަކީ ރަނގަޅަށް ދިއުން، ގައުމީ ޓީމަކީ އަހަރެމެން އެންމެންގެ ހައްގު އޮންނަ ކަމެއް،" 2023، ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕޮލެންޑާ ހަވާލުވި ޕްރޮބިއާޒް ބުންޏެވެ.
އޭނާގެ ކޯޗުކަމުގައި ޕޮލެންޑުން ކުޅުނު 21 މެޗުގެ ތެެރެއިން، ނުވަ މެޗުން މޮޅުވިއިރު، ހަތް މެޗުން ބަލިވެ، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ