އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކާ ހުރެ މިނިސްޓަރު ގައްސާނާ ގުޅޭ ޝަކުވާއެއް ރައީސަށް

އައްޑޫ ރައްޔިތުންނާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު ދެއްވި ޖަވާބެއްގެެ ޝަކުވާ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒަށް އިއްޔެ ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒަށް ފޮނުއްވި ޝަކުވާގެ ސިޓީ އާންމު ކުރައްވައި މެންބަރު ވިދާޅުވީ އިއްޔެ އޮތް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ފަހު ގައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރުކޮށް މިނިސްޓަރު ވާހަކަ ދެއްކެވި ކަމަށެވެ.
ތަފްސީލު - އެ ސިޓީގައި އަބްދުއްރަހުމާނު ވިދާޅުވީ ވަޒީރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ގައުމަށް އިހުލާސްތެރިވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅެއްގެ މަސްއޫލިއްޔަތާ ގުޅުން ހުރި ދާއިރާތަކުން ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވަންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުމަށް ގާނޫނުއަސާސީން ލާޒިމު ކުރާ ކަމަށް އެ ސިޓީގައިވެ އެވެ.
މެންބަރު ވިދާޅުވީ މަޖިލީހުގައި އައްޑޫ މީދޫ ތަމްސީލުކުރައްވާ މެންބަރުގެ ހައިސިއްޔަތުން ގައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން މީދޫ ރައްޔިތުން އަދި އައްޑޫގެ ރައްޔިތުންނާއި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ނިކަމެތި ގޮތަކަށް މިނިސްޓަރު ވާހަކަ ދެއްކެވުމުން އެކަން ރައީސްގެ ސަމާލުކަމަށް ގެންނެވީ ކަމަށެވެ.
އޭނާ ވިދާޅުވީ:
އިއްޔެ އޮތް ޖަލްސާ އަށް ފަހު މިނިސްޓަރާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ވަޒީރަށް ފޯނުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވިން
"އަޅުގަނޑު މިހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރައްވައި، 'ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބުދޭކަށް ނުޖެހޭނެ... އައްޑޫ އަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ ސިޓީގައި އަބްދުއްރަހުމާނު ވިދާޅުވެފައިވެ އެވެ.
މެންބަރު ވިދާޅުވީ ދައުލަތުގެ ދިފާއީ ވަޒީރަކަށް ހުންނަވާ ބޭފުޅަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، މިނިސްޓަރު ވިދާޅުވި ބަސްފުޅަކީ އެއްވެސް މިނިސްޓަކަށް ވިދާޅުވެވޭނެ ވާހަކައެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެކަން ބައްލަވައި އައްޑޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ނިސްބަތްކޮށް އެފަދަ ދަށުދަރަޖައިގެ ބަހުރުވައަކުން ގައްސާނު ވާހަކަ ދެއްކެވުމުން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދެންނެވުމަށް ރައީސްގެ އަރިހުން މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ