ސީއީއޯ އިސްތިއުފާދެއްވިއިރު މުސާރަ ނުދީ ނޯންނާނެ: ޑީބީއެމް

ޑިވެލޮޕްމެންޓު ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއަށް ލިބެން ޖެހޭ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ނޮއެލްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ މަހު މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް އޭނާ އަކީ ދިވެހި ބަހުން ވާހަކަ ދެއްކޭނެ މީހަކަށް ނުވާތީ ތަރުޖަމާނަކު އައްޔަންކުރުމަށް ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަންކޮށްފައި ނުވާތީ މި މަހުގެ 7 ވަނަ ދުވަހު ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބާތިލުކޮށްފަ އެވެ.
ތަފްސީލް - ނޮއެލްއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭ ކަމަށް ބުނެ އޭނާ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުއްވި ކަމަށް މިދިޔަ ހަފްތާގައި ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ ޑީބީއެމް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބޭންކުން ނެރުނު ބަޔާނުގައި ބުނީ:
ނޮއެލް އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާއަށް ހައްގު މުސާރަ އާއި އިނާޔަތްތައް ފުރިހަމައަށް ދީފައިވާނެ
އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޑީބީއެމް އިން މުސާރަ ނުދޭތީ ކަމަށް އެ ބޭންކުން ނުދެކޭ
އެ ބަޔާނުގައި ބުނީ، 20 މާޗުގައި ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ފަހުން، ޑީބީއެމްގެ އެއްވެސް މަސައްކަތެއްގައި އޭނާ ނޫޅުއްވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ޑީބީއެމް އިން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ނޮއެލް އެ ބޭންކާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދި މި މައްސަލަ ފައިސަލާ ކުރުމުގައި މި ބޭންކުން ފުރިހަމަކުރަން ޖެހޭ އެންމެހާ ގާނޫނީ އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާނެ ކަމުގައި ވެސް ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ޑީބީއެމް އިން ބުނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެއްބާރުލުމާ އެކު އެ ބޭންކަށް އާ ސީއީއޯއެއް އަދި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ