ވިކްރާންތަށް ފިލްމީ ދާއިރާއާ ދުރުގައި ނުހުރެވުނު

ދުވަސްކޮޅަކަށް ފިލްމު އިންޑަސްޓްރީގެ ހަލަބޮލިކަމާއި ދުރުގައި ހުރުމަށް ބޭނުންވާކަން އިއުލާނުކުރި ކުޅަދާނަ އެކްޓަރު ވިކްރާންތު މަސޭ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި ވިކްރާންތު ސޮއިކޮށްފައި ވަނީ ގްލޯބަލް ތުރިލާ ފިލްމެއް ކަމަށްވާ "ވައިޓް"އަށެވެ. ފިލްމު "ވައިޓް" އަކީ އިންޑިއާގެ ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ އިންޑިއަން ގުރޫ ރަވީ ޝަންކަރުގެ ހަޔާތުގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮޕިކްއެކެވެ. މި ގްލޯބަލް ތުރިލާ ގެނެސްދޭނީ ކުޅަދާނަ ދެ ޑައިރެކްޓަރުން ކަމަށްވާ ސިދާތު އާނަންދު އާއި މަހާވީރު ޖެއިން ގުޅިގެންނެވެ. މަހާވީރު ޖެއިން އަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ރާމް ސެޓޫ"، "އޫންޗާއީ" އަދި "ގުޑް ލަކް"ގެ ޑައިރެކްޓަރެވެ. ވިކްރާންތު އަންހެނުން ޝީތަލް އަދި އަލަތު ދަރިފުޅާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ޕިންކްވިލާއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހު ތެރޭ ފިލްމުގެ މަސައްކަތް ވިކްރާންތު ފަށާނެއެވެ. ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ވެސް ފަށާފައިވާއިރު ފިލްމުގެ ކާސްޓުންގެ ތެރޭ ބޭރުގެ ބައެއް އާޓިސްޓުން ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެމެރިކާގެ ލޮސް އެންޖަލިސްއަށް ނިސްބަތްވާ އާޓިސްޓުން ކާސްޓުންގެ ތެރޭ ހިމެނޭނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މި ފިލްމުގައި ވިކްރާންތު ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ތަމްރީނުތައް އެކްޓަރު މިހާރު ވަނީ ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ ހިންދީ ބަހުންނާއި އިނގިރޭސި ބަހުގެ އިތުރުން ސްޕެނިޝް ބަހުންނެވެ. ފިލްމު "ދަ ސަބަރުމަތީ ރިޕޯޓު"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ އެކްޓަރު ފިލްމު އިންޑަސްޓްރީއާ ދުވަސްކޮޅަކަށް ދުރަށް ދިއުމަށް ނިންމިކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާއިލާއާ އެކު ވަގުތު ހޭދަކޮށް އަލަތު ދަރިފުޅަށް ވަގުތު ދިނުމުގެ ބޭނުމުގައި ފިލްމު އިންޑަސްޓްރީއާ ދުރަށް ޖެހިލި އެކްޓަރު ބުނެފައި ވަނީ އޭނާ ފިލްމީ ދާއިރާއިން އަދި ރިޓަޔާ ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ