އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ޤާއިމުކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފިންޓެކްގެ އީޖާދީ ވިސްނުމާއި އެހެނިހެން ޒަމާނީ މާލީ ފުރުސަތުތަކަށް ހުޅުވާލާނެ ސެންޓަރެކެވެ. ހުޅުމާލޭގެ އާބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއައިއެފްސީގެ ރަމްޒީ ބިންގާ އިފުތިތާޙުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީއެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރު ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ އެމްއައިއެފްސީ ޤާއިމުކުރުމާ ގުޅޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. https://www.sun.mv/205598 މި ބިޔަ މަޝްރޫއުގެ ދަށުން، ފައިނޭންޝަލް ސެންޓަރުގައި އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ތިން އޮފީސް ޓަވަރާއި، މަޝްހޫރު ހޮޓެލްތަކުގެ އިތުރުން، އިންޓަނޭޝަނަލް ސްކޫލެއް ވެސް ހިމެނޭނެއެވެ. އަދި، މަތީ ފެންވަރުގެ އޯޝަން ފްރޮންޓު ގެތަކާއި، ލަގްޒަރީ ފިހާރަތަކާއި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ދަނޑުތަކާއި، އޯޝަނޯގްރެފިކް މިއުޒިއަމަކާއި މިސްކިތެއް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. އެމްއައިއެފްސީގެ ކުރެހުމެއް: ގަތަރާއެކު ކުރިއަށްގެންދާ މި މަޝްރޫއަކީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް -- ފޮޓޯ/ ރައީސް އޮފީސް އެމްއައިއެފްސީން ބުނީ، އެ ތަނުގައި ހަރަކާތްތެރިވާ ކުންފިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި، ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށެވެ. ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެ ސެންޓަރު ގާއިމުކުރަން ދީފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެން ކަމަށް އެމްއައިއެފްސީން ބުނެއެވެ. މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ޒޯނެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤުތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ