ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުން އަވަސް ކުރުމަށް ރައީސް ގޮވައިލައްވައިފި

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ ރޫޙު އާލާކޮށް، މުރާޖައާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަގީދާ ހަރުދަނާކުރުމުގެ މައްސަރުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ހިދުމަތްކުރުމުގެ އަޒުމު ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަދި އިސްލާމީ ގައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސް ދުއާ ދަންނަވާފައިވެއެވެ.
މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.
އަދި މުސްތަގިއްލުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ