ކަލާ ފެނިލުމުން... 53

ޤަބޫލުނުކުރެވޭ ފަދައަކުން ޒާޔާއަށް އެހެން އަހައިލެވުނުއިރު، އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ޝޮކެއް ލިބިފައެވެ. "ޤަބޫލެއް ނުކުރެވޭ ދޯ؟ އައި ވޯޒް އޯލްސޯ ޝޮކްޑް." ރިފާ ޒާޔާއަށް ބަލައިލަމުން ބުނެލިއެވެ. އަޑު އިވުނު ވާހަކަތަކުގެ ސަބަބުން އޭނާއަށް ލިބުނު ހައިރާންކަމުގެ ވާހަކަ ބުނެފައި، ދެންމެ އޭނާއަށް އިވުނު ހުރިހާ ވާހަކައެއް ވެސް ރިފާ ކިޔައިދިނެވެ. އެއާއެކު ޒާޔާއަށް ކޮޅަށް ތެދުވެވުނެވެ. "މިހާރު ޔޫޝައު ކޮބާ؟". ޒާޔާ މޭޒުމަތީގައި ހުރި ފޮތްތައް ދަބަހަށް އަޅަން ފެށިއެވެ. "ހީ ލެފްޓް." ރިފާ ބުނެލިއެވެ. ހުރިހާ އެއްޗެއް ދަބަހަށް އެޅުމަށްފަހު، ޒާޔާ ރިފާއަށް ބަލައިލިއެވެ. ޒާޔާގެ މަޤްސަދު އެނގޭތީ ރިފާވެސް އިތުރު އެއްޗެއް ނުބުނެއެވެ. "އަހަރެން ގުޅާނަން އިނގޭ…" ޒާޔާ އެހެން ބުނެލުމުން ރިފާވެސް ބޯ ޖަހާލާފައި، އޯކޭ އޭ ބުނެލިއެވެ. އެއާއެކު ޒާޔާ ލަސްނުކޮށް ސްޓޫޑެންޓް ލައުންޖުން ނުކުންނަން ހިނގައިގަތީ ޔޫޝައު އަށް ގުޅަމުންނެވެ. އެހެންނަމަވެސް ޔޫޝައު ފޯނެއް ނުނަގައެވެ. ތިން ފަހަރު ގުޅުމުންވެސް ލިބުނީ އެއްޖަވާބެކެވެ. ޔޫޝައު އޭނާގެ ފޯނު ނުނަގާނެކަން ފަހުމްވެ އެންމެފަހުން، ޒާޔާ އެ މަސައްކަތް ހުއްޓައިލިއެވެ. ޔޫޝައު އެފަދަ ކަމެއް ކޮށްފާނެކަމަށް އޭނާއަށް އަންދާޒާކޮށްލެވިފައެއް ނުވެއެވެ. މައުވާ ދެކެ ލޯބިވިއެއްކަމަކު އަފްނާން ބޭޒާރުކޮށްފާނެކަމަށް ޤަބޫލެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ ޔޫޝައުގެ އަނގައިން އެ ސުވާލުގެ ޖަވާބު އަޑުއަހާށެވެ. އެހެންނަމަވެސް ދެވަނަ ވިސްނުމަކަށް ދާން އޭނާއަށް މަޖުބޫރުވީ އެންމެ ފުރަަތަމަ އަފްނާން އާއި އާހިލްއާ ދެމީހުން ކްލާސްތެރޭގައި ހަމަނުޖެހުން ހިންގި ދުވަހު ޔޫޝައު އެކަންތައް ހުއްޓުވަން ނޫޅުނުކަން ހަނދާންވުމުންނެވެ. އެންމެ ފުރަތަމަ އޭނާ އެކަމަށް އެދުމުންވެސް ޔޫޝައު ހެދީ ދެކޮޅެވެ. އެއާއެކު އެއީ ޔޫޝައުގެ ކަމަކަށް ވެދާނެތޭ ޒާޔާގެ ހިތް ބުނެލިއެވެ. ***** ގެއަށް ދިޔުމަށްފަހު ކައިގެން ކޮޓަރިއަށް ވަތް އަފްނާން ދެން ކޮޓަރިން ނުކުތީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ނާސްތާކޮށްގެން އަފްނާން މައްޗަށް އެރިއިރުވެސް އަޒްލަފްއާއި ރިސާމާއާއި ނަޖީބު މޭޒު ދޮށުގައި ތިއްބެވެ. އަފްނާން ދިޔަ ދިމާލަށް ބަލަން އިން ރިސާމާ ވަނީ ކަންބޮޑުވެފައެވެ. ދަރިފުޅުގެ މާޔޫސްކަން ބަލަން އޭނާގެ މައި ލަގޮނޑިއަށް ކެތްނުވަނީއެވެ. ނަޖީބުވެސް އިނީ އަފްނާން އުޅޭ ގޮތުން ކުޑަކޮށް ކަންބޮޑުވެފައެވެ. "އަޒްލަފް. ދަރިފުޅާ…" ނަޖީބު އަޒްލަފްގެ ސަމާލުކަން ހޯދައިލުމުގެ ނިޔަތުގައި ގޮވައިލިއެވެ. "ލައްބަ ބައްޕާ…" އަފްނާން ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު، އަޒްލަފް ޖަވާބު ދިނެވެ. ބައްޕަ އެ ދައްކަން އުޅޭ ވާހަކައަކަށް އޭނާ ސަމާލުލަން ދިނެވެ. "އެ ކުއްޖާ މިހާރު ރަނގަޅުތަ؟" ނަޖީބު ސުވާލުކޮށްލީ މައުވާއާ ބެހޭގޮތުންނެވެ. "ލައްބަ.. ޑިސްޗާރޖްކޮށްލައިިފިން މިހާރު. "އަޒްލަފް އޮޅުން ފިލުވައިދިނެވެ. "އެހެންތަ؟" ނަޖީބަށް އެހެން ބުނެވުނުއިރު ރިސާމާއަށް ﷲއަށް ޙަމްދުކުރެވުނެވެ. އޭނާގެ ފިރިހެން ދަރިފުޅުގެ ސަބަބުން އެ ކުއްޖާއަށް ލިބުނު ތަކުލީފުތައް ލުއިވެއްޖެކަން އެނގުމުންނެވެ. އެ އަންހެން ކުއްޖާާއާ ބައްދަލުކުރަން ދާން ރިސާމާގެ ހިތް އެދި ގޮވަން ފެށިނަމަވެސް، އެ ވަގުތު އޭނާ އެވާހަކަ ނަޖީބާ ހިއްސާނުކުރީ ރައްޔާގެ ކަންތައް ހަމައަކަށް އެޅުމުން އެ ވާހަކަ ދައްކާށެވެ. އަފްނާންގެ ހިތުން ޖާގަ ހޯދި އަންހެން ކުއްޖާއާ މެދު އޭނާ ވަނީ ޝައުޤުވެރިވެފައެވެ. ކައިގެން އަޒްލަފް މައްޗަށް އެރިނަމަވެސް، ރިސާމާއާއި ނަޖީބާ ދެމީހުން ސޯފާގައި މަޑުކޮށްލިއެވެ. "މަޙުމޫދު އަހަންނަށް ގުޅި." ނަޖީބު ރިސާމާއަށް ބަލައިލިއެވެ. "އަހަރެން އަދި ރައިޙާނާއާ އެ ވާހަކައެއް ނުދައްކަން. މާލެ އައިމަ ބުނަންވެގެން މި މަޑުކުރަނީ." ރިސާމާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. "މާދަން މާލެ އަންނަ ވާހަަކަ ބުނި. އެހެންވީމަ މާދަމާ ކޮންމެވެސް ވަގުތަކު ރިސާމާ އެ ވާހަކަ ރައިޙާނާއާ ހިއްސާކުރައްޗޭ. މިހާރުވެސް މާ ބޮޑަށް ލަސްވެއްޖެ." ނަޖީބު އެހެން ބުނެލުމުން ރިސާމާ ބޯ ޖަހައިލިއެވެ. އަޒްލަފް ޓެރެސްއަށް އެރިއިރު، އަފްނާން ޓެރެސްގެ ރެއިލިން ކައިރީގައި މަޑުކޮށްލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. ސިކުނޑީގެ ހައިޖާނުގަނޑަށް އެއްވެސް ވަރަކަށް ލުޔެއް ނުލިބުނެވެ. އަޒްލަފް ލަސްލަހުން ހިނގާލާފައި ގޮސް އަފްނާންގެ ކައިރީގައި މަޑުކޮށްލާ ރެއިލިންގެ ދަގަނޑުގައި ހިފައްޓައިލިއެވެ. "މައުވާ ޑިސްޗާރޖްކޮށްފިން…" އަޒްލަފް ބުނެލިއެވެ. އެއާއެކު އަފްނާން އަޒްލަފްއަށް ބަލައިލިއެވެ. އޭނާ ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުންޏެވެ. "އަފޫ…. ކީއްވެ އެއްޗެއް ނުބުނީ؟" އަޒްލަފް ސުވާލުކޮށްލީ އަފްނާންގެ ހިމޭންކަމުން އޭނާއަށް އުނދަގޫވަމުން ދިޔައީތީއެެވެ. އަފްނާން އެ ގޮތަށް ހިތުގެ އުދާސްތައް އަމިއްލަ ހިތުތެރޭގައި ފޮރުވައިގެން އުޅުނު ނަމަވެސް، އެ ހިތުގެ ޙާލު އޭނާއަށް ވަޒަންކޮށްލެވެއެވެ. މައުވާގެ މާފު ލިބިގެން ނޫނީ އަފްނާންގެ ހިތަކަށް ހަމަޖެހުމެއް ލިބޭކަށް ނެތެވެ. އަޒްލަފް ދިިިިޔުމުން އަފްނާން ދެންމެ އޭނާގެ އެކުވެރިއަކު ފޮނުވި މެސެޖް ހުޅުވައިލިއެވެ. އޭގައި އޮތީ މައުވާ މިހާރު ގެންގުޅޭ ނަންބަރެވެ. އަފްނާންއަށް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނީ ދެ ވިސްނުމެއްގައި ހުރި މީހެއް ފަދައިންނެވެ. އޭނާ ބައެއް ސުވާލުތަކުގެ ޖަވާބު ބޭނުމެވެ. މައުވާ އޭނާއާ ދޭތެރޭ ދެެކޭ ގޮތް ބަަލަން ބޭނުމެެވެ. އެންމެ ފަހުފަހަރަށް މައުވާގެ ޖަވާބެއް އަޑު އަހަން އޭނާ ބޭނުންވާ ފަދައެވެ. ޙަޔާތުގެ ކުރިއަށް ނިންމާ ނިންމުން ބިނާވެގެންދާނީ މައުވާގެ ޖަވާބަކަށެވެ. މިގޮތަށް އުޅެއުޅެ އޭނާ ވަރުބަލިވެއްޖެއެވެ. އިތުރަށް ދެން ކެތްކުރުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ކުރެވެމުންދާ ކުށްވެރި އިޙްްސާސުން މިންޖުނުވެވޭއިރު ކޮންމެ ދުވަހަކު އެހިތް އެ ދަނީ މަރުވަމުންނެވެ. އެއްފަހަރުވެސް މައުވާއަށް އޭނާގެ ހިތުގެ ޙާލަތު ފަހުމްވާނެ ނަމައެވެ. އެ ހިތުގައި ލެވިފައިވާ ޒަޚަމްތަކުން ލިބެމުންދާ ތަކުލީފުތަކުގެ އަސަރު މައުވާއަށް ނޭނގެނީ ކީއްވެގެންހެއްޔެވެ؟ އެންމެފަހުން އަފްނާން މައުވާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަަހަރަކު ރިންގްވުމާއެކު އެކޮޅުން ފޯނު ނަގާފައި "ހެލޯ" އޭ ކިޔައިލިއެވެ. އަފްނާންއަށް އެއްޗެއް ނުބުނެ މަޑުކޮށްލައިގެން އިރުކޮޅަކު ހުރެވުނެވެ. އެހެން ހުއްޓާ މައުވާ ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. "މައު…." ވޭނުން ފުރިގެންވީ އަޑަކުން އަފްނާންއަށް މައުވާއަށް ގޮވައިލެވުނެވެ. "އަފްނާން……" ހައިރާންވެފައިވާ މައުވާގެ އަޑު އަފްނާންގެ ކަންފަތުގައި ޖެހުނު ނަމަވެސް، ދެވަނަ ސިކުންތުގައި މައުވާ ވާހަކަ ދެއްކިއިރު، އޭނާގެ އަޑު އައީ ހަރުކަށިކޮށެވެ. "ކީއްކުރަން އަހަންނަށް ތި ގުޅީ؟ އަހަރެން އަފްނާންއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ބޭއްވީ…" އެހެން ބުނެލާފައި މައުވާ ފޯނު ބާއްވަން އުޅުނު ވަގުތު، އަފްނާންއަށް އަވަސް އަވަހަށް ވާހަކަ ދެއްކުނެވެ. "މިވަގުތު ފޯނު ބާއްވައިފިއްޔާ ޔޫ މައިޓް ނެވަރ ހިއަރ ފްރޮމް މީ އެގެއިން މައު…." އަފްނާންގެ ވާހަކައިން މައުވާއަށް މަޑުޖެހުމެއް ލިބިގެން ދިޔައެވެ. ފޯނު ކަނޑާލަން އުޅެފައިވެސް އޭނާ މަޑުޖެހުނެވެ. އެކަން އަފްނާންއަށް އެނގުމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ. "މައު…. ހަމަ އެއްގޮތަކަށްވެސް އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟ ކުޑަކޮށްވެސް؟ އަހަރެންގެ ކުށުގެ ސަޒާއަކީ އުމުރު ދުވަހު މައުއާ ދުރުގައި ހުރުންތަ؟ ހަމަ އަސްލުވެސް އަހަންނަށް އެހާ ނަފްރަތުކުރަންތަ؟" އަފްނާންއަށް އެހެން އަހައިލެވުނީ މަޑުމަޑުންނެވެ. މައުވާއަށްޓަކައި އޭނާގެ ހިތް ރޮމުންދާ ޙާލުގައެވެ. "މައުގެ ހިތުން އަހަރެންގެ ލޯބި ފުހެވުނީތަ؟ އަހަންނަށް އިތުރު ފުރުސަތެއް ދޭން ބޭނުންނުވަނީތަ؟ ނޫނީ އެހެން މީހަކަށް ފުރުސަތު ދޭން ބޭނުންވަނީތަ؟" "އެހެންވިޔަސް އަފްނާންއަށް ކޮންކަމެއް؟ އަހަރެންގެ ލައިފްއަށް އިތުރު މީހަކު އަޔަސް ނަޔަސް އަފްނާން އެކަން ބަލާކަށް ނުޖެހޭނެއެއްނު…" މައުވާގެ ދުލުން އެފަދަ ބަސްތަކެއް އަޑު އެހުމަކީ އަފްނާންއަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އޭނާގެ ހިތުގެ ފަސާނާތައް ކަރުނައިގެ ސިފައިގައި އެ ދެލޮލަށް ބޮނޑިވަގެވެ. "މައު ޕްލީޒް، ފޮގިވް މީ…. ޕްލީޒް… އަހަންނަށް ފުރުސަތެއް ދީބަ…." އެންމެފަހު ފަހަރެއްކަމަށް އަފްނާން މައުވާގެ ގާތުން އެދުނެވެ. "އަހަންނަށްވެސް ވަރަށް އުނދަގޫ މިހެން އުޅެން. މައުއަށް ހާރޓްކުރެވުނު ވަރު އަހަންނަށް އިޙްސާސްވެއްޖެޔޭ… ދެން ކީއްވެ އެކަން ނުވިސްނެނީ. އަހަރެން މައުއަށް ދެރަދީފަ ބޭޒާރުކޮށްލި ގޮތަށް އަހަރެންވެސް ބޭޒާރު ވެއްޖެޔޭ…. އޭގަ ހުރި ވޭން މިއަދު އަހަރެންވެސް މި އިޙްސާސްކުރަނީ. މައު އަހަންނަށް ފުރުސަތު ދޭން ބޭނުންނުވަނީ ކީއްވެގެންކަން އަހަންނަށް އެނގެޔޭ. އެކަމަކު ލޯބިވާތީ އާދޭސްކުރެވެނީ….." އަފްނާން ބުނެލިއެވެ. އެހެންނަމަވެސް މައުވާ ޚިޔާރުކުރީ ހިމޭންކަމެވެ. "މައު ކީއްވެ އެއްޗެއް ނުބުނަނީ؟" އަފްނާންއަށް އެހެން އަހައިލެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ކެތްނުކުރެވި އެންމެފަހުން އެހެން ބުނެވުނީ ޔޫޝައު އޭނާއާ ދިމާލަށް ބުނެފައިވާ ބަސްތަކެއްގެ ހަނދާންވުމާއެކުގައެެ. މައުވާ ދުވަހަކު އޭނާއަށް ފުރުސަތު ނުދޭނެކަމާއި މައުވާ އޭނާގެ ހުށައެޅުން ޤަބޫލުކޮށްފާނެކަމަށް ޔޫޝައު ވަނީ ބުނެފައެވެ. "މައު… އަހަންނަށް އެނގޭ މައު ދެކެ ޔޫޝައު ލޯބިވާކަން. އޭނަ މައު ގާތު އެ ވާހަކަ ބުނިކަންވެސް…. މައު އަހަރެންގެ ބަދަލުގައި ޔޫޝައުއަށް ފުރުސަތު ދޭން ބޭނުންވަނީތަ؟ އެހެންވެގެންތަ އަހަންނާ އަނގައިން ނުބުނެ ތި ހުންނަނީީ؟ ތި ހިމޭންކަމުގެ މާނަ އަހަރެން ނަގަންވީ ކިހިނަކުންތަ؟ ތިބުނަނީ އާނއެކޭތަ؟" އަފްނާންއަށް ބުނެވުނެވެ. މައުވާގެ ހިމޭންކަމުން އޭނާގެ ހިތަށް ވެރިވަމުންދިޔަ އުނދަގޫކަމާއެކު، އަފްނާންގެ ކެތްތެރިކަންވެސް ކޮޅުންލާން ފެށިއެވެ. "ސޮރީ މައު… އަހަންނަށް މައުގެ ޖަވާބު ލިބިއްޖެ. އަހަރެން ދުވަހަކުވެސް ދެން މައުއަށް އުނދަގުލެއް ނުކުރާނަން. އަހަރެން އެދެނީ އަބަދުވެސް މައުގެ އުފާ… އަހަރެން ދެން މައުއަކަށް ނުވެސް ގުޅާނަން. ދުވަހަކު ކުރިމައްޗަކަށް ނާރާނަން……. ޔޫޝައު ގާތު ބުނެދޭތި އޭނާ ކަންތައްކުރި ގޮތުން އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތޭ. އައި ޑިޒާރވް އިޓް. މުޅި ޔުނިވާސިޓީގަ އެގޮތަށް ބޭޒާރުވުމަކީ އަހަރެން ޑިޒާރވްވާކަމެއްކަން ޤަބޫލުކުރަން. ބީ ހެޕީ ވިތް ޔޫޝައު… ހީ ރިއަލީ ލަވްސް ޔޫ. ބާއި މައު….ފޮގިވް މީ…" އެހެން ބުނެލުމާއެކު އަފްނާން ފޯނު ކަނޑާލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަފްނާން ހަމަޖެހެން މަސައްކަތްކުރީ އޭނާ ބަލި ޤަބޫލުކުރާ ޙާލުގައެވެ. މައުވާގެ ލޯތްބަކީ ތަޤުދީރުގައި އޭނާއަށް ލިބެން ނެތް އެއްޗެއްކަމަށް އަފްނާން ނިންމައިފިއެވެ. ކަރުނަތައް އަތުގެ ނުފުށުން ފުހެލުމާއެކު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. މޭގައިވި ރިހުން ހަށިގަނޑަށް ފެތުރެން ފެށި އިޙްސާސްއައެކު އޭނާއަށް ގޮސް އެތަނުގައި ހުރި ގޮނޑީގައި އިށީނދެވުނެވެ. ***** އަފްނާންގެ ފޯނު ކޯލަށްފަހު މައުވާގެ ހިތުގެ ހަމަޖެހުން ވެސް އެކީ ގެއްލިގެން ދިޔައެވެ. އަފްނާން ވާހަކަ ދެއްކި ގޮތުން ހިތުގައި ބިރުވެރިކަމެއްވެސް އުފެދިގެން ދިޔައެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލުމާއެކު، ފޯނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ. އޭނާއަށް ކަންތައް މިކުރެވީ ރަނގަޅަށް ހެއްޔެވެ؟ އަފްނާންއެކޭ އެއްގޮތަށް އޭނާވެސް އަފްނާން ދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ފުރުސަތު ދޭން ބޭނުންވި ނަމަވެސް، އެކަން ނުކުރެވެނީއެވެ. ގޮތް ދޫކުރަން ބޭނުންނުވަނީއެވެ. އެގޮތަށް އަފްނާންއާ މެދު ކަންތައްކުރި ސަބަބަކީ އެއީއެވެ. ކޮންމެހެން ނަފްރަތު ކުރާތީހެއް ނޫނެވެ. އަދި ލޯބި ނުވާތީއެއްވެސް ނޫނެވެ. އެންމެފަހުން އަފްނާން ބުނި ޖުމްލަތަކާ މެދު ވިސްނެމުން ދިޔަވަރަކަށް މައުވާގެ ހިތް ވެސް ނުތަނަވަސް ވަމުން ދިޔައެވެ. ޔޫޝައުއާ ބެހޭގޮތުން އަފްނާން އެ ދެއްކި ވާހަކަތަކުގެ ހަޤީގަތަކީ ކޮބައިހެއްޔެވެ؟ ޔޫޝައު އަނެއްކާ ކީއްކުރީ ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު އޭނާއަށް ދެވޭނީ ހަމައެކަނި ޒާޔާއަށްކަން ވިސްނުމާއެކު، މައުވާ އެންމެ ފުރަތަމަ ގުޅީ ޒާޔާއަށެވެ. އެހެންނަމަވެސް ޒާޔާ ފޯނެއް ނުނަގައެވެ. ރިފާގެ މަތިން ހަނދާންވެ އޭނާއަށް މަޑުޖެހެވިފައި އިރުކޮޅަކު އިނދެވުނެވެ. ރިފާއަކީ ޒާޔާހާ އޭނާއާ ގާތް މީހަކަށް ނުވާތީ އެފަދަ ވާހަކަތައް ރިފާ ގާތު އެހުމަކީ މައުވާ އެހާ ބޭނުންވާކަމެއް ނޫނެވެ. އެހެންނަމަވެސް، ޔުނިވާސިޓީގައި ކަމެއް ހިނގިކަން މައުވާއަށް އަފްނާންގެ ވާހަކަތަކުން އެނގޭތީ އޭނާ ރިފާއަށް ގުޅިއެވެ. "ކިހިނެއް މައު؟ ޒާ ބުންޏޭ ގެއަށް ދޫކޮށްލި ވާހަކަ. ގުޅަން އުޅެނިކޮށް ތިގުޅީ؟ ރިފާ ބުނެލިއެވެ. "އަހަރެން އޯކޭ…ރިފާ މީ…….ޔުނިވާސިޓީގައި ކަމެއް ވީތަ؟" މައުވާގެ ސުވާލާއެކު، ރިފާއަށް މަޑުޖެހުމެއް އައެވެ. ކަމެއް ނޭނގޭނަމަ ހަމަ ހުރެހުރެފައި އޭނާއަށް ގުޅާ އެ ސުވާލު މައުވާ ނުކުރާނެކަން އޭނާއަށް އެނގޭތީއެވެ. އަދި އަމްދުން އެފަދަ ސުވާލެއް ކުރާނީ ހަމަ ގައިމުވެސް މީހެއްގެ ފަރާތުން ނަމަވެސް މައުވާއަށް ކޮންމެވެސް ވާހަކައެއް އަޑު އިވިފައިވާތީކަން އެނގޭތީއާވެސް އެކުގައެވެ. "ކާކު ބުނީ؟" ރިފާއަށް ސުވާލުކޮށްލެވުނެވެ. އޭނާއަކީ ކަންތައްތައް ފޮރުވައިގެން ހުންނަން އުނދަގޫ މީހެކެވެ. ނޭނގޭކަމަށް ހަދާފައި މައުވާއަށް އޮޅުވާނުލެވުނު ސަބަބަކީވެސް އެއީއެވެ. "ރިފާ… ޓެލްމީ…" ރިފާގެ ރާގު ހުރިގޮތުން މައުވާއަށް އެއްކަމެއް ޔަޤީންވިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަމެވެ. އަދި އެއީ ބޮޑުކަމެއް ކަމުގައެވެ. "އައި ތިންކް ޔޫ ޝުޑް އާސްކް ޒާ…" ރިފާ ބުނެލިއެވެ. އޭނާ އެ ވާހަކަތައް މައުވާއާ ހިއްސާކުރަން ބޭނުން ނުވަނީއެއް ނޫނެވެ. އެހެންނަމަވެސް އެންމެ ރަނގަޅުވާނީ ޒާޔާގެ ފަރާތުން މައުވާއަށް އެކަންތައް އެނގުންކަމުގައި އޭނާއަށް ހީވަނީއެވެ. ޒާޔާއާ މައުވާއާ އޮންނަ ގުޅުން އެނގޭތީއާވެސް އެކުގައެވެ. އޭނާއަށް ވުރެ މައުވާއާ ޒާޔާއާ އަބަދުވެސް ގާތެވެ. އެކަކު އަނެކަކާ އަބަދުވެސް ކަންތައްތައް ހިއްސާކުރެއެވެ. "ޒާ ނުނަގައޭ ފޯނެއް. އަހަރެން ޒާއަށް ގުޅައިފީމޭ… ބުނެބަ ރިފާ… ޕްލީޒް…." މައުވާގެ އާދޭސްތަކަށް ބީރުކަންތައް ދޭން ނުކެރި އެންމެފަހުން ރިފާ ހަޤީޤަތް ހާމަކޮށްލިއެވެ. "މައު… ޒާ ބުންޏެއްނު މައުކައިރީގަ މިފަހުން ޔުނިވާސިޓީގަ އެއްކަލަ ވީޑިއޯތައް އަލުން ވައިރަލްވި ވާހަކަ. މައު ހޭ އެރިފަހުން ކޮންމެވެސް މީހަކު އެ އެއްޗެހި އަލުން ވައިރަލް ކުރި ވާހަކަ. އަދި އެ ހާދިސާގެ ހުރިހާކަމެއް މުޅި ކޮލެޖުގެ ވައިބާ ގްރޫޕުތަކުގައި ވައިރަލްވި ވާހަަކަވެސް. އަފްނާން މައުއަށް އެހެން ހެދި ސަބަބާއި، މައު ކޯމާއަކަށް ދިޔަކަމާއި އެހުރިހާވާހަކައެއްވެސް…. އޭރު އެކަކަށްވެސް ނޭނގުނީ އެ އެއްޗެހި އަލުން ވައިރަލްކުރީ ކާކުކަމާ ކީއްވެގެން ކަމެއްނު؟ އެކަމަކު މިހާރު އެ ހުރިހާކަމެއް އެގިއްޖެ…." ރިފާގެ ވާހަކައިން މައުވާގެ ހިތް ތެޅިލީ އަފްނާން ބުނެފައިވާ ބަސްތައް ހަނދާންވުމުންނެވެ. އޭނާގެ ހިތަށް އެންމެ ފުރަތަމަވެސް އައި ނަމަކީ ޔޫޝައުއެވެ. "ކާކު؟ ކާކު އެކަން ކުރީ؟" ހިތް ތެޅެމުން ދިޔަ ޙާލު މައުވާއަށް ސުވާލުކޮށްލެވުނެވެ. "ރިފާ ކާކުތަ؟ ޓެލް މީ…." "ޔޫޝައު…" ރިފާ ބުނެލިއެވެ. އެއާއެކު މައުވާއަށް މިފަހަރު އެހާ ބޮޑު ޝޮކެއް ނުލިބެއެވެ. ސަބަބަކީ އަފްނާންގެ ވާހަކަތައް ހަނދާންވެ އޭނާގެ ސިކުނޑި ތެރޭގައި ހަމައެކަނި ދައުރުވަމުން ދިޔަ ނަމަކީ، ޔޫޝައު ކަމަށް ވާތީއެވެ. "މައު…" މައުވާ އެއްޗެއް ނުބުނުމުން ރިފާ މައުވާއަށް ގޮވައިލީ ހާސްކަމާއެކުގައެވެ. "އައިލް ޓޯކް ޓު ޔޫ ލޭޓަރ އިނގޭ…" އެހެން ބުނެލާފައި މައުވާ، ފޯނު ބޭއްވިއެވެ. އޭނާގެ ސިކުނޑީގެ ތެރޭގައި ދައުރުވަމުން ދިޔަ ކަންތައްތައް ތަރުތީބުކޮށްލަން ބޭނުންވެފައިވާ ފަދައަކުން މައުވާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޔޫޝައު އެކަންތައް އެކުރި ސަބަބަކީ ކޮބައިހެއްޔެވެ؟ އަފްނާން އެބުނާހެން ޔޫޝައު ހަމަ ހަޤީގަތުގައިވެސް އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟ އެކަމަކު އަހަރެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހޮސްޕިޓަލުގައި އޮއްވާ އަފްނާންއާ ދެމީހުން އެކަކު އަނެކަކުގެ ގަޔަށް އަތް އިސްކުރި ދުވަހު އަނެއްކާ ޔޫޝައު އެބުނީ ތެދެއް ހެއްޔެވެ؟ ޔޫޝައު އޭނާ ދެކެ ލޯބިވަނީހެއްޔެވެ؟ ފަހުން، އަފްނާން ދިޔުމުން އެއީ ދޮގެކޭ ބުނެ އޮޅުވާލީ ހެއްޔެވެ؟ ޔޫޝައު އޭނާ ދެކެ ހަޤީގަތުގައި ލޯބިވާނަމަ އެއީ ކޮން އިރަކު ކިހިނެއް ވީކަމެއް ހެއްޔެވެ؟ ދެ އަހަރު ވަންދެން އޭނާ އޮތީ ކޯމާއެއްގައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ