ނޭވާލުމަށް އުނދަގޫވުމެއް ނުވަތަ ވަރުބަލިވުމެއް ނެތި، 'ޓިއަންގޮން އަލްޓްރާ' ރޯބޯޓު އޭގެ ތިންވަނަ ބެޓެރީ ބަދަލުކޮށްލުމަށްފަހު އަލުން ރޭސް ލައިންއަށް ނުކުތެވެ. ރޭހުގެ ތެރޭގައި ބެޓެރީ ހުސްވެ، ވެއްޓި، އަދި އެކަތި އަނެކަކާ ޖެހޭ ހިސާބަށް ގޮސް، ޝޯޓް ސާކިޓްވުމުގެ ސަބަބުން ދުން އެރި ރޯބޯޓުތަކާއެކު، ބީޖިންގައި ބޭއްވުނު މި ތާރީޚީ ރޯބޯޓު ހާފް-މެރަތަން ރޭހުން އިންސާނުންގެ ހަށިގަނޑުގެ އަޖައިބުކަން އަލުން ހަނދާންކޮށްދިނެވެ.
ރޭހުގައި މޮޅުވި ރޯބޯޓަކީ ސަރުކާރުގެ އެހީއާއެކު ހިންގާ ރިސާޗް އިންސްޓިޓިއުޓް އެކްސް-ހިއުމަނޮއިޑުން އުފެއްދި 'ޓިއަންގޮން އަލްޓްރާ' އެވެ. މި ރޯބޯޓު ރޭސް ނިންމީ 2 ގަޑި 40 މިނެޓުންނެވެ. މިއީ އިންސާނަކަށް އެހާ ފާހަގަކޮށްލެވޭ ވަގުތެއް ނޫނެވެ. ރޭހުގައި މޮޅުވި ފިރިހެން ދުވުންތެރިޔާއަށް ނެގީ އެންމެ 1 ގަޑި 2 މިނެޓެވެ. އާންމުކޮށް އެވްރެޖް ދުވުންތެރިން ހާފް-މެރަތަނެއް 2 ގަޑިއިރަށްވުރެ ކުރު ވަގުތެއްގައި ނިންމަ އެވެ.
ޓިއަންގޮން އަލްޓްރާއަށް މޮޅުވެވުނީ އިންސާނެއްގެ އެހީއާއެކުގަ އެވެ. އެއީ ބުރަކަށީގައި ސިގްނަލް ޓްރާންސްމިޓްކުރާ އާލާތެއް ހަރުކޮށްގެން ރޯބޯޓްގެ ކުރީގައި ހުރެގެން ދުވި އިންސާނެއްގެ ހަރަކާތްތައް ރޯބޯޓް ކޮޕީކޮށްގެން ނެވެ. އެހެން ގިނަ ރޯބޯޓުތައް ދުވީ އަދި ހިނގީ ރިމޯޓް ކޮންޓްރޯލްއިން، އިންސާނުން އެ ރޯބޯޓުތަކާ އެކު ދުވަމުންނެވެ.
އެހެން ހުރިހާ ރޯބޯޓަކަށްވެސް ރޭސް ނިންމަން މަދުވެގެން 3 ގަޑިއިރު ނެގިއެވެ. ޖުމްލަ 4 ގަޑިއިރުގެ ކަޓްއޮފް ވަގުތުގެ ކުރިން ނިންމަން ކާމިޔާބުވީ އެންމެ ހަތަރު ރޯބޯޓަށެވެ. ބައެއް ރޯބޯޓުތަކަށް ފެށޭ ހިސާބުން ފަހަނަ ނޭޅުނެވެ. - މިސާލަކަށް، 'ޝެންނޮން' ނަމަކަށް ކިޔާ ރޯބޯޓު އެހީތެރިވި މީހާގެ ގައިގައި އަޅައިގަނެގެން ވެއްޓުނެވެ. އަދި 'ލިޓްލް ޖަޔަންޓް' ހުއްޓުނީ އޭގެ ބޮލުން ދުން އަރަމުންދާތީ އެވެ.
ބީޖިން އީ-ޓައުން ހިއުމަނޮއިޑް ރޯބޯޓު ހާފް-މެރަތަނުގައި ވާދަކުރީ ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ރޯބޯޓުތަކާއި، ދަރިވަރުންގެ ގްރޫޕްތަކުގެ ރޯބޯޓުތަކެވެ. ޔުނިޓްރީގެ ޖީ1 ރޯބޯޓު ވެއްޓުނީ ފެށޭ ހިސާބުގައެވެ. ނަމަވެސް އެ ކުންފުނިން ބުނީ ކުލައިންޓަކު އެ ރޯބޯޓު އަލްގޮރިތަމަކާ ނުލައި ބޭނުންކުރީކަމަ ށެވެ.
ރޭހުގައި ވާދަކުރުމަށް، ރޯބޯޓުތައް ހުންނަންޖެހެނީ އިންސާނުންނާ އެއްގޮތް ސިފައެއްގައި އަދި ދެ ފައިގައި ދުވާގޮތަށެވެ. ރޯބޯޓުތައް ދުވީ އިންސާނުންނާ ވަކިން، ފެންސް އަޅައިގެން ވަކިކޮށްފައިވާ ލޭނެއްގައި، ރޯބޯޓުތައް އެކަތި އަނެކައްޗާ ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ތަފާތު ގަޑިތަކުގައި ރޭސް ފަށައިގެންނެވެ. ބެޓަރީ ބަދަލުކުރުމުގެ ހުއްދަވެސް ދެވުނެވެ. ޓިއަންގޮން އަލްޓްރާގެ ބެޓަރީ ތިން ފަހަރު ބަދަލުކުރެވުނެވެ.
ބީޖިންގައި ބޭއްވި ދުނިޔޭގެ ފުރަތަމަ ރޯބޯޓު ހާފް-މެރަތަން ރޭހުގައި މޮޅުވި 'ޓިއަންގޮން އަލްޓްރާ' ވެސް އިންސާނުންގެ އެހީއަށް ބޭނުންވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ