ލިވަޕޫލްއާއި އެވަޓަންގެ މެޗުގައި ހަމަނުޖެހުން ބޮޑުވެ، ހަތަރު ރަތް ކާޑު
އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި ވާދަވެރި އެވަޓަން ބައްދަލުކުރި މެޗުގައި ހަމަނުޖެހުންތަކެއް ހިންގުމާ ގުޅިގެން، ހަތަރު ރަތް ކާޑު ދައްކައިފިއެވެ. އެވަޓަންއިން ގިނަ އަހަރުތަކެއް ވަންދެން އެޓީމުގެ ދަނޑުގައި ބޭނުން ކުރަމުން އަންނަ ގުޑިސަން ޕާކްގައި ކުޅޭ ފަހު މާސީސައިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދެ ޓިމުގެ ކުރިމަތިލުން ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް އަބަދުވެސް ފެންނަ މި ދެޓީމުގެ މިފަހަރުގެ ކުރިމަތިލުމުގައި ލިވަޕޫލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަން އިންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅީ ވެސް އެވަޓަންގެއެވެ. މިގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެވަޓަން އިންވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޭޓޯއެވެ. އެ ލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓް ފަހުން ލިވަޕޫލްއިން ވަނީ އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 73 ވަނަ މިނެޓުގައި މުހަންމަދު ސަލާހް އެވެ. އެ ލަނޑާއެކު މިމެޗުން ލިވަޕޫލް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ އެވަޓަންއިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި އެވަޓަންއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް ޓާކޯސްކީއެވެ. އެ ލަނޑު ޖެހުމުގައި ފައުލްއަކާއި އޮފް ސައިޑް ވެފައިވާކަމަށް ބެލެވިގެން ވީއޭއާރުން ބެލުމަށްފަހު ލަނޑު ބަލައިގަނެފައިވަނީ ގިނައިރުތަކަކަށްފަހުއެވެ. އަދި އެވަޓަންގެ އަބްދުލާޔޭ ޑޮކޫރޭ ލިވަޕޫލްގެ ސަޕޯޓަރުންނާއި ދިމާކުރުމާ ގުޅިގެން ހިނގި ހަމަ ނުޖެހުމުގައި ޑޮކޫރޭ އާއި ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ކާޓިސް ޖޯންސްއަށް ވެސް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިތަން ވެސް ފެނުނެވެ. މީގެއިތުރުން އެލަނޑު ޖެހުމުގެ ކުރިން އެވަޓަންއިން ފައުލްއެއް ކޮށްފައިވާކަމަށް ޝަކުވާ ކުރުމާއި ގުޅިގެން މެޗު ނިމުނު ފަހުންވަނީ ލިވަޕޫލްގެ ކޯޗް އާން ސްލޮޓްގެ އިތުރުން އޭނާގެ އެސިސްޓަންޓް ސިޕްކޭ ހަލްޝޯފް ވެސް ދަނޑުން ފޮނުވާލައިފައެވެ. މިމެޗު އެއްވަރު ވުމުން ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ 7 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެވަނައިގައި އުޅޭ އާސެނަލްއަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. އަދި އެވަޓަން އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ