މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތަކަށް އިޖާބަދިނުމަށް، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބްރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށް، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަމަށާއި، ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ބާރުތަކުން ވެފައިވާ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމަށާއި އެކަން ކުރަންވީ އިތުބާރުގެ މައްޗަށްކަން ޤަބޫލުކުރަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫން. ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ނައިބް ރައީސް ވަނީ ހަމަ އެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ޚާއްޞަ ތަޤުރީރުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.
ކޮޕް-28 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމުގެ އަމާޒުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫޢުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކޮށް އެކަމަށް އިޖާބަދިނުމަށް ހަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވޭ: ނައިބް ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ