ޖައްވީސްޓޭޝަނުގައި ތާށިވެފައި ތިބޭތާ 9 މަހަށްފަހު، ނާސާގެ ދެ އެސްޓަނޯޓުން އެނބުރި ބިމަށް!

އިންޓަރނޭޝަނަލް ޖައްވީ ސްޓޭޝަނުގައި ތާށިވެފައި ތިބޭތާ 9 މަހަށްފަހު ނާސާގެ ދެ އެސްޓަރނޯޓުން ކާމިޔާބުކަމާއެކު އަނބުރި ބިމަށް ގެނެސްފިއެވެ.
ބޮއިން ސްޓާލައިނާގައި ނާސާގެ ދެ އެސްޓަރނޯޓުންކަމަށްވާ ބެރީ ވިލްމޯ އަދި ސުނީތާ ވިލިއަމްސް ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ދިޔައީ މިދިޔަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. އޭރު ތާވަލްކޮށްފައި އޮތީ ޖައްވީ ސްޓޭޝަނަށް ދާތާ 8 ދުވަހުގެ ތެރޭގައި އެނބުރި ބިމަށް އަންނަ ގޮތަށެވެ. ނަަމަވެސް އެ ދެ އެސްޓަރނޯޓުންނަށް އާދެވިފައިނުވަނީ، ދަތުރުކުރި އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ނުކުރެވިގެންނެވެ.
ބެރީ ވިލްމޯ އަދި ސުނީތާ ވިލިއަމްސް ބިމަށް ގެނައުމުގެ ދަތުރަށް 17 ގަޑިއިރު ހޭދަވިއިރު، އެސްޓަނޯޓުން ބިމަށް އައުމަށް ބޭނުންކުރި ކެޕްސޫލް ކަނޑަށް ވައްޓާލާފައިވަނީ, އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި, އެމެރިކާގެ ފްލޮރިޑާގެ ކަނޑުގެ ސަރަހައްދަށެވެ. ދަތުރާ ގުޅޭގޮތުން ނާސާއިން ބުނީ ބެރީ ވިލްމޯ އަދި ސުނީތާ ވިލިއަމްސްގެ ހާލު ރަނގަޅުކަމަށެވެ. 
Advertisement
ސުނީތާ ވިލިއަމްސް... ފޮޓޯ: ނާސާ
ކެޕްސޫލުން ދެ އެސްޓަރނޯޓުން ބޭލުމަށްފަހު ވަނީ ސިއްހީފަރުވާދިނުމަށް ގެންގޮސްފައެވެ. ނާސާއިން ބުނީ، އޮތީ، ދެ އެސްޓަރނޯޓުންގެ ސިއްހީކަންކަން ޔަގީންކުރުމަށް ހޭދަވާ ދުވަސްތައް ކަމަށާއި، ދެ އެސްޓަރނޯޓުންގެވެސް ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ޖައްވުގައި އެހާގިނަދުވަސްވަންދެން ތިބުމުގެ ސަބަބުން ހަރަކާތްކުރުމަށް ބަދަލުތަކެއް އައިސްފައިވާކަން ނާސާއިން ފާހަގަކުރިއެވެ.
ބެރީ ވިލްމޯ.. ފޮޓޯ: ނާސާ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ދެން އެންމެ އަވަހަށް އެ ދެ އެސްޓަރނޯޓުން މަސައްކަތްކުރާނީ ހިނގުމަށް ފިޒިއޯ ނެގުމެވެ. ޖައްވުގައި ހުރިއިރު، އެންމެފަހުން ނެގި ފޮޓޯތައް އާއްމުވުމާ ގުޅިގެން އުމުރުން 59 އަހަރުގެ ސުނީތާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ވަނީ ވަރަށްބޮޑަށް ހިކި އަނަރޫފަވެފައެވެ. ނަމަވެސް ނާސާއިން އޭރުވެސް ވަނީ ދެ އެސްޓަރނޯޓުންގެ ސިއްހީ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ބުނެފައެވެ.
ބިމާއި ހިލާފަށް ޖައްވުގައި ގާއިމްވެތިބޭއިރު، އާއްމު މިންގަނޑާ ހިލާފަށް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންކުރާ ކެލަރީގެ އަދަދު އިތުރުކުރަންޖެހެއެވެ. އެހެން ނޫންނަމަ ބަރުދަން ލުއިވުމާއި ހަމުގެ މައްސަލަތަށް ވަރަށް އަވަހަށް ދިމާވެއެވެ. ހާއްސަ ގޮތެއްގައި މިކަމުގައި އެންމެ އަވަހަށް ބަދަލުތައް އަންނަން ފަށަނީ އަންހެނުންނަށް ކަމަށް ނާސާގެ ހޯދުންތަކުގައި ބަޔާންކޮށްފައި ވެއެވެ. 
ނާސާގެ މިޝަނެއްގައި މިފަހަރު އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ ސުނީތާ ޖައްވަށް ދިޔައީ ޕައިލެޓެއްގެ ގޮތުގައެވެ. އަނެއް އެސްޓަރނޯޓް ބެރީއަކީ ކޮމާންޑަރެވެ.
ބޮއިން ސްޓާލައިން އެ ދެ ފަޅުވެރިން ގޮވައިގެން  ޖައްވީ ސްޓޭޝަނަށް ދިއުމަށް ދަތުރު ފެށުމުގެ ކުރިންވެސް އެތައް ފަހަރަކު އެ އުޅަނދުގައި މައްސަލަތައް ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ