ދެމަސްދުވަހުގެ ސީސްފަޔާއަށް ފަހު އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފި؛ މި ހަމަލާތަކުގައި 326 މީހުން މަރުވެއްޖެ

މިއަދުއިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 326 މީހުން މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފި އެވެ. މި ހަމަލާތަކަކީ ހަމާސްއާއެކު އޮތް ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ ދެމަސްދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނައި ހަމަލާތަކެކެވެ.
އަންގާރަ ދުވަހުގެ ހަމަލާތައް ދީފައިވަނީ ގާޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ދެކުނުގެ ހާން ޔޫނިސްއާއި ރަފާ، އުތުރުގެ ގާޒާ ސިޓީ، އަދި ދެއިރް އެލް-ބަލާހް ފަދަ މެދުތެރޭގެ ސަރަހައްދުތައް ހިމެނެ އެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ "މިހާތަނަށް ގާޒާގެ ހޮސްޕިޓަލްތަކަށް 326 ޝަހީދުން ގެނެވިފައިވާ" ކަމަށާއި "އަދިވެސް މަރުވެފައިވާ ބައެއް މީހުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބިކަމަށެވެ."
ގާޒާގައި ވެރިކަންކުރާ ހިންގާ ހަމާސްއިން ބުނެފައިވަނީ ޖަނަވަރީ 19 ގައި ފެށުނު ސީސްފަޔާ އެއްބަސްވުން އިޒްރޭލުގެ މިހަމަލާތަކުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ނަތަންޔާހޫއާއި އޭނާގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ސީސްފަޔާ އެއްބަސްވުން ބަދަލުކުރަނީ، ގާޒާގައި ހިފަހައްޓާފައި ތިބި ހޮސްޓެޖުންގެ ކަންތައް ކުރިމަގުގައި ނޭނގޭ ހާލަތަކަށް ހުށަހަޅާފައި" ކަމަށް ހަމާސްއިން ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ހަމާސްއިން އަރަބި އަދި އިސްލާމީ ގައުމުތަކުގެ މީހުންނަށާއި "ދުނިޔޭގެ މިނިވަން މީހުންނަށް" މި ހަމަލާތަކާ ދެކޮޅަށް މަގުމައްޗަށް ނިކުމެ އިހުތިޖާޖުކުރުމަށް ގޮވާލާފައިވެ އެވެ.
އިޒްރޭލްގެ ސިފައިންގެ ފަރާތުން ޓެލެގްރާމްގައި ބުނެފައިވަނީ ހަމާސްއަށް ނިސްބަތްވާ "ޓެރަރިސްޓުންގެ މަގާމްތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދެމުންދާ" ކަމަށެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ އިޒްރޭލުން މި ހަމަލާތަކާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ