ސަރުކާރުން ތުހުމަތުކުރި ގޮތާ ހިލާފަށް ސުލްހަވެރިކަމާއެކު އެމްޑީޕީގެ ބޮޑު މުޒާހަރާ ނިންމާލައިފި ސަރުކާރުން ތުހުމަތުކުރި ގޮތާ ހިލާފަށް ސުލްހަވެރިކަމާއެކު އެމްޑީޕީގެ ބޮޑު މުޒާހަރާ ނިންމާލައިފި

އެތައް ސަތޭކަ މީހުންނެއް ބައިވެރިވި އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ސުލްހަވެރިކަމާއެކު ނިންމާލައިފި އެވެ.
ހެންވޭރު އާޓިފިޝަލް ބީޗުން ފެށި މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ރައްކާތެރިކަމާއެކު ފުލުހުން ދެއްކި މަގުތަކުންނެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން ގޮސް އަނބުރާލާފައި އައީ އަމީނީ މަގުންނެވެ.
ހިނގާލުން ކުރިއަށްދިޔައިރު އެކި ސަރަހައްދުތަކުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ގްރީން ޒޯން ސަރަހައްދުގައި ސިފައިން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ހިނގާލުމަށް ފުލުހުން ހުރަސްއަޅާފައެއް ނުވެ އެވެ. އަދި މުޒާހަރާގެ ބައިވެރިންވެސް ފުލުހުންނާ ކުރިމަތިލާން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
މި މުޒާހަރާއަށް ތައްޔާރުވަމުންދިޔައިރު ސަރުކާރުގެ އިސްވެރިންނާއި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ދިޔައީ މި މުޒާހަރާއަކީ ގައުމުގެ ހަމަޖެހުން ނަގާލައި، ފުލުހުންނާ ކުރިމަތިލުމަކަށް ދާން ބޭއްވި އެއްވުމެއް ކަމަށް ތުހުމަތު ކުރަމުންނެވެ.
އެމްޑީޕީގެ އިސްވެރިންވެސް ބައިވެރިވި މި މުޒާހަރާގައި އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. ރައީސްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިސްތިއުފާއަށްވެސް އެމްޑީޕީން މިރޭ ގޮވާލި އެވެ.
މިއީ މި ވެރިކަމުގައި އެމްޑީޕީން ބޭއްވި ފުރަތަމަ މުޒާހަރާ އެވެ. މިރޭގެ މުޒާހަރާ ކުރިއަށްގެންދިޔައީ ގާނޫނުއަސާސީ ބަދަލު ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓާތީ އާއި ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާތީ އާއި އެ ނޫން ވެސް ބައެއް ހުދުމުހުތާރު ކަންކަން ސަރުކާރުން ކުރަމުންދާތީ ކަމަށް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ