ހަ އަހަރަށް ފަހު ކ. އަތޮޅު ތަށި މާފުށްޓަށް ހަ އަހަރަށް ފަހު ކ. އަތޮޅު ތަށި މާފުށްޓަށް

ފައިނަލުގައި ކާށިދޫ އަތުން 1-0 އިން މޮޅުވެ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ. އަތޮޅުގެ ތަށި، މާފުށިން ހޯދައިފި އެެވެ.
މީގެ ކުރިން، މާފުށިން ވަނީ 2018 ވަަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ. މާފުށިން އަތޮޅު ތަށި ހޯދީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ.
ކުޅުނު ފުރަތަމަ މެޗުގައި، ވަނީ މިދިޔަ އަހަރު ކ. އަތޮޅުގެ ތަށި ހޯދި ގާފަރާ އެއްވަރުވެފަ އެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މާފުށި ވަނީ މޮޅުވެފަ އެވެ.
ފައިނަލް މެޗުގައި ގާފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ އަހުމަދު ޝާވިން ޝިހާމް އެވެ. މި ގޯލަކީ ޕެނަލްޓީ އަކުން، މާފުށީގެ އަހުމަދު ޝަމާލް ފޮނުވާލި ބޯޅައެއް ކާށިދޫގެ ކީޕަރު، މުހައްމަދު ސަލީލް މަތަކުރުމުން ރީބައުންސަކަށް އައި ބޯޅަ ގޯލަށް ވައްދާލައިގެން ޝާވިން ޖެހި ގޯލެކެވެ.
މި މެޗުގައި ނަތީޖާ ހަމަހަމަކުރެވޭތޯ ކާށިދޫން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެކަމަކު، އެ ބޯޅަތައް ހުއްޓުވުމުގައި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ނައްފާޒު ސައުދުގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. ދެ ވަނަ ހާފުގައި މާފުށީގެ ފަސް ފައުލު ހަމަވެ، ހަ ވަނަ ފައުލެއް ކުރުމުން ދިން ދުރު ޕެނަލްޓީން ކާށިދޫން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ތާރީހުގައި ފުރަތަމަ ފަހަރަށް ކާށިދޫން އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، ގާފަރު، ސެމީ ފައިނަލުގައި ބަލިކޮށް ފައިނަލަށް ދަތުުރުކުރި ނަމަވެސް، ތަށްޓަށް ކުރާ އިންތިޒާރުވަނީ ދިގުލައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ކާށިދޫން ވަނީ ގާފަރު އަތުން 5-1 އިން ބަލިވެފަ އެވެ.
ކ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މާފުށީގެ ޝަމާލް އެެވެ. ޝަމާލްއާ އެއްވަރަށް ގޯލު ޖަހައިގެން، ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ، ދިއްފުށީގެ ކެޕްޓަން، ޒައިން ޒަފަރު ވެސް ހާސިލްކުރި އެވެ.
ޒޯން ބުރުގައި، މާފުށްޓާއި ކާށިދޫން ނުކުންނާނީ ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫ އާއި ބ. އަތޮޅުގެ ޗެމްޕިއަން، އޭދަފުށްޓާ ދެކޮޅަށެވެ. މި ތަނުން ދެ ޓީމެއް، ގަދަ 16 އަށް ދަތުރުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ