ސުޖާއު، އިހުސާން އަދި އަމީންގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުންގެ މުޒާހަރާ ފަށައިފި ސުޖާއު، އިހުސާން އަދި އަމީންގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުންގެ މުޒާހަރާ ފަށައިފި

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ބާއްވަމުންދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާގެ ތެރެއިން ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލަން ފަށައިފި އެވެ.
މިއީ މި މައްސަލައިގެ ތަހުގީގުގާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދި ޒުވާނުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން، މިރޭގެ މުޒާހަރާގައި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ.
މިރޭގެ މުޒާހަރާ ވެސް ފެށީ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ. އެއަށް ފަހު މަޖީދީ މަގުން ހުޅަނގަށް މުޒާހަރާގެ ބައިވެރިން ހިނގަން ފަށައި މިވަގުތު ތިބީ ކުރީގެ ސިޓީ ކައުންސިލް އިމާރާތުގެ ކުރިމަތީ އިށީނދެގެން މަގު ބަންދުކޮށްގެންނެވެ. މުޒާހަރާގެ ބައިވެރިން އަލުން ހިނގަން ފަށާނެ ކަމަށް ބެލެވެ އެވެ.
ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ރޭ އިރާކޮޅު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ އިއްޔެ އެވެ.
ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފުލުހުންނަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ