ވިނީ އަދި މޮޑްރިޗްގެ ލަނޑުތަކާއެކު ޖިރޯނާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖިރޯނާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފި އެވެ.
ލީގުގައި ރެއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު މެޗުގައި އޮސަސޫނާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޖިރޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ގެޓާފޭ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މިމެޗުގައި ރެއާލް މެޑްރިޑުން ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ. މިއީ ޖިރޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބާރި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
Advertisement
މިއީ އުމުރުން 39 އަހަރުގެ މިޑްފީލްޑަރު މިސީޒަނުގައި ލީގުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށް ދެވަނަ ލަނޑެެވެ. އަދި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ ލީގުގައި ވިނީޝިއަސް އެންމެ ފަހުން ކުޅުނު 19 މެޗުގައި ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ރެއާލް މެޑްރިޑަށް 54 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާއަށް ވެސް 25 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި މިމެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ 12 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ