ބާލިން، ޖަރުމަނު (މެއި 20) - އިޓާލިއަން ލީގުގެ ރޯމާއާ ހަވާލުވާން ޖަރުމަނުގެ ކޯޗު، ޔާގަން ކްލޮޕް ނިންމައިފި ކަމަށް ބުނެ، އިޓަލީ މީޑިއާގައި ދެކެވޭ ވާހަކަތައް ކްލޮޕްގެ އޭޖެންޓް، މާކް ކޯސިކޭ ދޮގުކޮށްފި އެވެ.
އިޓަލީގެ ނޫހެއް ކަމަށްވާ، ލަ ސްޓަމްޕާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްލޮޕް ވަނީ ރޯމާގެ ކޯޗުކަމާ ހަވާލުވާން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. ރޯމާގެ ކޯޗުކަމާ ހަވާލުވެހުރި، ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
ކްލޮޕް، ގެންދަން ރޯމާ އިން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އޭޖެންޓް، ކޯސިކޭ ވަނީ ދޮގުކޮށްފަ އެވެ. ކޯސިކޭ ބުނީ، ރޯމާ އާއި ކްލޮޕާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން، ނުވަ އަހަރަށް ފަހު ވަކިވި، ކްލޮޕް ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެެށިގެން، ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
ދާދި ފަހުން، އެކި ފޯރަމްތަކުގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ކޯޗިން އަށް އެނބުރި އައުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބުނެފަ އެވެ. ބްރެޒިލްގެ ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ކްލޮޕާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދެކެވުނުއިރު، ކޯސިކޭ ވަނީ އެ ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.
ރެޑްބުލް އިން ބުނެފައިވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގައި ކްލޮޕްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ކްލޮޕްގެ ޒިންމާތައް އޮންނާނީ، ކުޅުމުގެ ފިލޯސަފީ، ޓްރާންސްފާ ސްޓްރެޓަޖީ އަދި ކޯޗިން ޑިވެލޮޕްމަންޓާ ގުޅިފައި ކަމަށެވެ.
މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލީ އެވެ.
ކްލޮޕް ވަނީ، ފީފާ ބެސްޓް އެވޯޑްސްގައި ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ކްލޮޕް، ރޯމާއާ ހަވާލުވާން އުޅޭ ވާހަކަ ދޮގުކޮށްފި ކްލޮޕް، ރޯމާއާ ހަވާލުވާން އުޅޭ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ