ބްލޭޒަން އިންކްއާ އެކު ފެނަކައިން ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެއްބަސްވުމެއް ހަދައިގެން ނަހަމަ ފައިދާތަކެއް ހޯދި ކަމަށް ބުނާ މައްސަލާގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފަށް ދައުވާނުކޮށް އޮތުމަކީ ގޯހެއް ކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު މިދިޔަ އާދީއްތަ ދުވަހު އިއްވެވި ހުކުމުގައި ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޝަރީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވުމަށްފަހު ރިޔާސީ އިންތިހާބަށް އޭނާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ބަދަލުކުރެ އެވެ. ރިޔާސީ އިންތިހާބުގެ ފަހުން އެމްޑީޕީއާ ގުޅުން ބާއްވައި މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ.
ވީކިހިނެއް؟ - ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލާގައި ދައުލަތުން ދައުވާކުރީ މިދިޔަ ސަރުކާރުގައި ފެނަަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހިންގެވި ޝަރީއަތަށް ފަހު، ސައީދު ހަތަރު އަހަރަށް ޖަލަށް ލުމަށް ކުރެއްވި ހުކުމުގައި ގާޒީ ވަނީ ސައީދުގެ ކުރިން ހިނގި ކަންކަން ބެލިފައި ނެތުމުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ތަފްސީލް - ގާޒީ ވިދާޅުވެފައިވަނީ އެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ފެނަކައިން ބްލޭޒަންއާއެކު ހަދާފައިވާ އެއްބަސްވުމުގެ މަގުސަދާ މެދު ޝައްކުގެ ނަޒަރަކުން ބަލައި، ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން:
ފެނަކައިގެ މީޑިއާ ޑިޕާޓްމަންޓްގައި އޭރު ވެސް 8 މުވައްޒަފުން މަސައްކަތްކުރަމުން ދިޔައިރު، ބްލޭޒަންއާ ހަވާލުކުރަން އުޅުނު މަަސައްކަތަކީ މީޑިއާ ޑިޕާޓްމަންޓަށް ކުރެވޭނެ މަސައްކަތެއް
މީޑިއާ ޑިޕާޓްމަންޓްގެ ފަރާތުން ވެސް ތަކުރާރުކޮށް އެ ކަން ފާހަގަކުރަމުން ދަނިކޮށް، ޖުމުލަ އަގު 1.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް ހަވާލުކުރީ އޭރުގެ އެމްޑީ ޝަރީފްގެ ނުނިޔަތެއް އޮތުމުން ކަމަށް ގަބޫލުކުރެވޭ
"މި ހާދިސާއާ ގުޅިގެން މި މައްސަލައިގެ ތެރެއިން، އަހުމަދު ޝަރީފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތުހުމަތުކޮށް އަދި ޕްރޮސެކިއުޝަންގެ ފަރާތުން ދައުވާކުރެވިފައި ނުވުމަކީ މުޅި މައްސަލައިގެ ނިސްބަތުން ވަރަށް ބޮޑު އުނިކަމެއް،" ގާޒީގެ ހުކުމުގައިވެ އެވެ.
ގާޒީ ވިދާޅުވެފައިވަނީ މިއަށް ވުރެ ރަނގަޅަށް ކަންކަން ކުރުމުގެ ފުރުސަތު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ގޮތަށް ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކުގެ މޫނުމަތި ރަނގަޅުކުރަން މާކެޓިންނާއި ޕީއާރު ބޭނުން ނުވާނެ ކަމަށް ވެސް އެ ހުކުމުގައި ގާޒީ ފާހަގަކުރައްވާފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ފެނަކައަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެކެވެ.
ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ މި ގޮތަށް އުފައްދާ ކުންފުނިތަކުން މާކެޓްކޮށްގެން ވިއްކަން ޖެހޭ ޕްރޮޑަކްޓްތަކެއް ހުންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މިފަދަ ޔުޓިލިޓީ ކުންފުނިތަކާ ވާދަކުރާނެ ކުންފުނިތަކެއް ވެސް ނެތްކަން ފާހަގަކުރެއްވި އެވެ.
"ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ރައްޔިތުންގެ އަދި ސަރުކާރުގެ ފައިސާގައި ހިންގާ ޔުޓިލިޓީ ކުންފުނިތަކުގެ މޫނުމަތި ރަނގަޅުކުރަން ޖެހޭނީ ރައްޔިތުންނަށް އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށްދީގެން. ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ލިބޭނެ ގޮތެއް އިންތިޒާމުކޮށްދީގެން،" ގާޒީ ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ފެނަކަ ކުންފުނީގެ މޫނުމަތި ރަނގަޅުކުރަން ކަމަށް ބުނެ މާކެޓިން އާއި ޕަބްލިކް ރިލޭޝަންސްއަށް މި ހޭދަކުރި ފައިސާއަކީ މިއަށް ވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރެވިދާނެ ފައިސާއެއް ކަމަށް ގާޒީ ގަބޫލުކުރައްވާ ކަމަށް ހުކުމުގައިވެ އެވެ.
ބްލޭޒަންއާ އެކު އެއްބަސްވުން ހެދި އެމްޑީ ޝަރީފަށް ދައުވާނުކުރުމަކީ ގޯހެއް: ކްރިމިނަލް ކޯޓުގެ އިސް ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ