ހިތްވަރު ގަދަ ޝެއިޚަށް އެހީ ހޯދަން ޚާއްސަ މަސައްކަތެެއް، ބައިވެރިވަމާ

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރީން ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެކެވެ. ތައުރީފު ހައްގު މަސައްކަތްތަކެވެ. ބައެއް އިލްމުވެރީން, އެ ބޭފުޅުންގެ ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވަނީ ދައުވަތު ފެތުރުމުގަ އެވެ. އާންމުންނަށް ނޭންގޭ ކަންކަން އޮޅުންފިިލުވައި ދިނުމުގަ އެވެ. އާންމުން ފޮނުވާ އެކި ސުވާލުތަކަށް ޖަވާބު ދިނުމުގަ އެވެ.
އެފަދަ އެއް ބޭފުޅަކީ އައްޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ) އެވެ. އެއީ އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވީ ނަމަވެސް ދައުވަތުގެ މައިދާނުގައި ސާބިތުވެ ހުންނެވި ހިތްވަރު ގަދަ އިލްމުވެރި އެކެވެ.
ދާދި ފަހަކާ ޖެހެން ޝެއިހް މުހައްމަދު އިބްރާހިމަކީ ނައިފަރުގެ ފަހުރު ކަމުގައިވި މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެކެވެ.  އެ ވަޒީފާގައި 17 ވަރަކަށް އަހަރު ހޭދަ ކުރެއްވި އެވެ. ނަމަވެސް ޝެއިހްގެ ލޮލަށް ސިއްހީ މައްސަލަތަކެއް ދިމާވެ ދެ ލޮލުގެ ފެނުން ގެއްލުނެވެ.
އެހެން ކަމުން ވަޒީފާއާ ދުރަށް ދިއުމަށް މަޖުބޫރުވި އެވެ. ލޮލުގެ ފަރުވާއަށް މިދިޔަ ދެ އަހަރު ޝެއިހް ހުންނެވީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއާ ދުރުގަ އެވެ.
ނަމަވެސް ޝެއިހްގެ އިލްމީ މަސައްކަތަށް ވީ މިންވަރަކުން ވަގުތު ދެއްވަ އެވެ. ރަށުގައި ހުންނަނަމަ ކޮންމެ ހަފްތާއަކު އެންމެނަށް ބައިވެރިވެވޭނެ ހެން ކުރިއަށް ގެންދާ "މަގޭ ސުވަލަކީ" ޕްރަގްރާމްގައި ބައިވެރިވެ އެވެ. ދީނީ އެކި މައުލޫމާތުތައް ހިއްސާކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެ އެވެ.
ވަރަށް ގިނަ ބަޔަކު އެ ޕްރަގްރާމަށް އިންތިޒާރު ކުރެ އެވެ. ތަފާތު އެކި ސުވާލުތައް ފޮނުވަ އެވެ. އަދި ދަރުސްތައް ވެސް ކުރިއަސް ގެންދެ އެވެ.
ދަރުސްތައް ދެނީ ޝައިޚްގެ ދަރިވަރެއް ގެންގޮސް އޭނާ ލައްވާ ޝައިޚަށް ފޮތް ކިޔާދީ، ދެން އެ އަޑުއެހި ބައިތައް ހިތަށް ނަގައިގެންނެވެ. އެ ހިތްވަރު ކޮށްގެން ވެސް އެ މަސައްކަތް ދޫކޮށް ނުލަ އެވެ.
އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) -- ފޮޓޯ: ދާރިސް ޓީވީ
ޝައިޚް މުހައްމަދު އިބްރާހީމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް "އެހީ" ޖަމިއްޔާއިން މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. "އެދިހަ" ނަމުގައި ހާއްސަ ޕޯޓަލެއް ވެސް ވަނީ ހަދާފަ އެވެ.
އެ ޕޯޓަލުން ފައިސާ ލިބެ މިންވަރު ވަގުތުން ބަލާލެވޭނެ އެވެ. އެހީ ޖަމިއްޔާއިން ބުނާ ގޮތުން ޝެއިހްގެ ފަރުވާގެ ފުރަތަމަ ދަތުރަށް 20،000 ޑޮލަރު ބޭނުންވެ އެވެ. އެހެން ކަމުން އެ ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފައިސާގެ ބޮޑު ބައެއް ވަނީ ހަމަވެފަ އެވެ.
ފަރުވާ އިން ޝެއިޚްގެ ލޮލަށް ފެންނާނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތެވެ. އެހެން ކަމުންވީ މިންވަރަކުން މިކަމުގައި އެހީތެރިވެދޭށެވެ. މިއީ ޝެއިހަށް ވެދެވޭނެ ބޮޑު އެހީތެރިކަމަށް ވާނެ އެވެ.
އެދިހަ ޕޯޓަލް ލިންކު: https://edhiha.mv/campaigns/j86bQnYZ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ