ޝައިޚް މުޙައްމަދު އިބްރާހީމްގެ ލޮލުގެ ފެނުން ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ 24 ގަޑިއިރުތެރޭ ހަމަވެއްޖެ
ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ލޮލުގެ ފެނުން ރަނގަޅުކޮށް، ސިއްހީ ޓެސްޓުތައް ހެދުމަށް ޓަކައި 24 ގަޑިއިރުތެރޭ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ހޯދައިފިއެވެ. 'އެހީ' ޖަމިއްޔާގެ 'އެދިހަ' ޕްލެޓްފޯމުން ދައްކާ ގޮތުގައި، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާއެވެ. އެއީ 26،455.83 ޑޮލަރެވެ. ޝައިޚަށް މިހާތަނަށް 1،399 ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް، 'އެދިހަ' ޕްލެޓްފޯމުގައި ވެއެވެ. ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝައިޚް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ. ޝައިޚް މުޙައްމަދު އިބްރާހީމް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: އެހީ ދަރުސް ދެއްވުމުގެ އިތުރުން ޙިސްނުލް މުސްލިމް، ކިތާބުއްޞިޔާމު، ކިތާބުއްޞަލާތު ފަދަ މުހިންމު ފޮތްތަކެއް ޝައިޚް ތަރުޖަމާ ކުރައްވާފައި ވެސް ވެއެވެ. ފާހަގަކުރެވޭ ޝައިޚްގެ ލޮލުގެ ފެނުމަށް މައްސަލަ ދިމާވެ، 2019ވަނަ އަހަރާއި 2021ވަނަ އަހަރު ލޮލުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. 2023ވަނަ އަހަރު ޝައިޚްގެ ހާލު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނެވެ. އަދި އޭގެ ފަހުން ޝައިޚްގެ ސިކުނޑީގައި ޓިޔުމަރެއް ހުރިކަން އެނގި އެ ޓިޔުމަރު ނެގުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ އޮޕަރޭޝަން ވެސް ކުރިއެވެ. އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، ލޮލުގެ ފެނުން ގެއްލި، ދިމާވި ސިއްހީ މައްސަލަތަކާހުރެ، 17 އަހަރެއްހައި ދުވަހު ޝައިޚް އަދާކުރެއްވި ވަޒީފާ ގެއްލުނެވެ. ދެހާސްތޭވީސް ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން ކުރި އޮޕަރޭޝަނުގައި ޓިޔުމަރުގެ 75 ޕަސެންޓު ނެގި އިރު، އަނެއް 25 ޕަސެންޓުގެ ހާލަތު ބެލުމަށް ހަދަން ޖެހިފައިވާ އެމްއާރުއައި ސްކޭން އަދިވެސް ނުހެދެއެވެ. ދޭތެރެއަކުން ކިޑްނީގެ މައްސަލަ ވެސް ކުރިމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ