ޢިބްރަތްތެރި ވާހަކަ: އެންމެންނަށް ހިތް ހެޔޮ، ﷲ އަށް ވަކީލުކުރާ މަސްވެރިއެއްގެ ފުރާނަ މަހެއް މެދުވެރިކުރައްވަވައި ސަލާމަތްކުރެއްވެވުމާ ސަހަރުގެ ރަސްކަން އޭނާއަށް ލިބުނު ގޮތުގެ ވާހަކަ-

އެއީ ޒުވާން މަސްވެރިއެކެވެ. އޭނާގެ ހިތްހެޔޮކަމުން ކޮންމެ މީހަކާއި ބައްދަލުވިޔަސް ހިނިތުންވާތީ އަދި ކޮންމެ މީހަކު ކަމަކުއެދުނަސް އޭނާއަށް ކޮށްދެވޭވަރުކަމެއް ކޮށްދޭތީ އޭނާގެ މަޤްބޫލުކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.  
ރަސްގެފާނަށް މިކަންވީ ވަރަށް ބޮޑުކަމަކަށެވެ. އޭނާއަށްވުރެ ރައްޔިތުން ލޯބިވާ، ރައްޔިތުންގެ މެދުގައި މަޤްބޫލުކަންބޮޑު މީހަކު ސަހަރުގައި އުޅުމަކަށް ރަސްގެފާނު ބޭނުންފުޅެއް ނުވެއެވެ. އެހެންވެ އެޒުވާނާގެ އަގުވައްޓާލައި މަރުގެ އަދަބުދެވޭނެ ގޮތަކަށް ރަސްގެފާނު ވިސްނެވިއެވެ.  
އޭނާ ދަރުބާރަށް ގެންނަވައި އަގުބޮޑު އަނގޮޓިއެއް ޙަވާލުކުރައްވާފައި ވިދާޅުވީ މަސްދުވަސްފަހުން އެ އަނގޮޓި ހިފައިގެން އެނބުރި އައުމަށެވެ. ނުގެނައިނަމަ ޚިޔާނާތްތެރިވިކަމުގެ އަދަބުދެއްވާނެ ކަމަށެވެ.  
އޭނާ ކަންބޮޑެއް ނުވެއެވެ. ގެއަށް ގޮސް އަނބިމީހާގެ ގާތުގައި އެވާހަކަ ބުނެފައި އަނގޮޓި ރައްކައުކުރިއެވެ. ދުވަކޮޅެއް ފަހުން ބެލިއިރު އަނގޮޓިއެއް ނެތެވެ. އަނބިމީހާ ބުނީ ވީތަނެއް ނުއެނގޭ ކަމަށެވެ. ނަމަވެސް އެއީ ދޮގެކެވެ. ރަސްގެފާނުގެ މީހުން އައިސް ގިނަ ޢަދަދެއްގެ ފައިސާދިނުމުން އަނގޮޓި ދިނީއެވެ. 
ޒުވާނާ ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ވަކީލްކޮށްލައިގެން ހުއްޓައި ރަސްގެފާނުގެ ދަރުބާރަށްދާންޖެހޭ ދުވަސް އައިސް ޖެހުމުންވެސް ކަންބޮޑުވެގެއް ނުއުޅެއެވެ. މަރުގެ އަދަބު ދީފާނެތީ ބިރަކުންވެސް ނުއުޅެއެވެ.  
އާދައިގެމަތިން ހެނދުނު ކޯރަށް ގޮސް ނަނުއެއްލުމުން މަހެއް ބޭނުނެވެ. މަސްހިފައިގެން ގެއަށް އައިސް މަސްކެނޑިއިރު މަހުގެ ބަނޑުގައި އެއަނގޮޓި އޮއްވައި ފެނުމުން ހިތަށް އެރިއެވެ. "މިކަންކުރި ބައެއްގެ މަކަރުވެރި ރޭވުން ﷲ ބާޠިލުކުރެއްވެވީއެވެ. އެމީހުންގެ މައްޗަށް ނަޞްރުދެއްވެވީއެވެ. "ޝުކުރު އަލްޙަމްދުލިﷲ" އެވެ. އަދި ވަޤުތުން އަނގޮޓި އިނގިލީގައި އެޅިއެވެ. އެއީ ތަނެއްގައި ނުބާއްވަންވެގެންނެވެ.  
ކައިނިމިގެން ފެންވަރައި ރީތިވެގެން ދަރުބާރަށް ދިއައިރު ރަސްގެފާނު އިންނެވީ ޢޭނާގެ އިންތިޒާރުގައެވެ. އޭނާއަށް މަރުގެ އަދަބު ދެއްވުމަށް ތައްޔާރަށެވެ. ރަސްގެފާނަށް ސިހުން ލިބިވަޑައިގަތީ އަނގޮޓި ރަސްގެފާނުގެ އަތްޕުޅަށް އެރުވުމުންނެވެ. ރަސްގެފާނަށް ވަޤުތުން ސުވާލުކުރެއްވެވުނެވެ. "ބަލަ ކަލޭމެން މިއަނގޮޓި ކޯރަށް އެއްލައިނުލައި މަކަރުހެދީ ހެއްޔެވެ؟"  
އެހިސާބުން ރަސްގެފާނު ބިރުފުޅުން އިނާމަކަށް ގިނަ ޢަދަދެއްގެ ފައިސާ ދެއްވާފައި އޭނާ ފޮނުވައިލެއްވެވުމުން ފައިސާތައް ހިފައިގެންގޮސް ބަހާލާފައި ފައިސާ ލިބުނު ގޮތް ކިޔައިދިނެވެ. އަދި ކަންކަން ހިނގައިދިއަ ގޮތްވެސް ކިޔައިދިނެވެ. ނަތީޖާއަކަށްވީ ރައްޔިތުން ނުކުމެ ރަސްގެފާނު ހުރަގެއަށްލައި ރަސްކަން އެޒުވާނާއަށް ދިނުމެވެ.   
މިއީ އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކައެކެވެ. މިވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ތިބާއަކީ މީސްތަކުންނަށް ހިތްހެޔޮ އިޚްލާޞްތެރި އަދި ﷲ ތަޢާލާއަށް ވަކީލްކުރާ އަޅެއްނަމަ ތިބާއަށް ދެރައެއް ނުދެވޭނެ ކަމެވެ. ކޮންމެ ކަމަކުންވެސް ﷲ ތަޢާލާ ތިބާ ސަލާމަތްކުރައްވަވައި ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.
 
މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ