ހުޅުމާލޭ ފޭސް 3 ހިއްކުން: ދެބައިކުޅަ އެއްބައި ހިއްކާ ނިންމައިފި

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ބިން ހިއްކިއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު، މިދިޔަ މަހު އަލުން ވަނީ ފަށައިފައެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން އޭރު ވަނީ ސައުވީސް ހެކްޓަރުގެ ބިން ހިއްކާފައެވެ. މިވަގުތާ ހަމައަށް ހުޅުމާލޭ ފޭސް ތިނެކުން ޖުމުލަ އެެއްތިރީސް ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން މިއަދު މައުލޫމާތުދީފައިވެއެވެ. އެއީ އެސަރަހައްދުގެ 49.2 އިންސައްތަ އެވެ. ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ގިރާވަރު ފަޅާއި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމަށް ނެދަލޭންޑްސް އިން އިތުރު ޑްރެޖަރެއް ގެނައި ޚަބަރު އިއުލާންކުރައްވަމުންނެވެ. އޭގެ ކުރިން ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުމަށް ބޭނުންކުރަމުންދިޔައީ އެންމެ ޑްރެޖަރެކެވެ. ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޕްރިންސް ޑަ ނެދަލަންޑެން އާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމުލަ ފަސްދޮޅަސް ތިން ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ. https://s1.sun.mv/214419 ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމުންކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ