ޔާމީން މިއަދު ދިއްދު އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. ދިއްދު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ މަނިކުފާނުގެ މި ދަތުރަކީ ހއ. އަތޮޅު ކައުންސިލް ދޭ 'ތިލައުތުރު އެވޯޑް 2025' ހަފުލާ ޝަރަފުވެރިކޮށްދެއްވަން ލިބިވަޑައިގަތް ދައުވަތަށް ކުރައްވާ ދަތުރެކެވެ.
'ތިލައުތުރު އެވޯޑް' އަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އެވޯޑެކެވެ.
މިރޭ ބައްވަން ހަމަޖެހިފައިވާ އަހަރުގެ އެވޯޑް ހަފުލާގައި ހަ ދާއިރާއަކުން އެވޯޑް ދޭނެ އެވެ.
'ތިލައުތުރު އެވޯޑް' ހަފުލާ ޝަރަފުވެރިކޮށް ދެއްވަން ޔާމީނަށް ދައުވަތު ދިނީ ހއ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދައުވަތު ދެއްވުމުން އެ މަނިކުފާނުގެ ޝެޑިއުލް އޮތް ގޮތުން ވަޑައިނުގެންނވޭނެ ކަމަށް އެނގުމުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ދައުވަތު ދެއްވުމުން އެ މަނިކުފާނަށް ވެސް ވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ.
އަތޮޅުތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ވަނީ ޅ. އަތޮޅަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު މިހާރު ހުންނެވީ އެ އަތޮޅު އޮޅުވެލިފުށީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ