މާލޭގެ ހަލަބޮލި މާހައުލާއި ހޭލަމޭލި ދިރިއުޅުމުގެ ތެރެއިން، ކުޑަކުޑަ އަހުމަދު ޖިނާން ޝަރީފްގެ ސަމާލުކަން އަބަދުވެސް ހުއްޓެނީ މަތިންދާބޯޓުގެ އަޑަށެވެ. ހުޅުލެއަށް އެ ބޯޓުތައް ތިރިކޮށްލާ މަންޒަރު ބަލަން ހައިރާންެވެފައި އޭނާ ހުރެ އެވެ. އެ ބޯޓުގެ ހުންގާނުގައި ހިފައިގެން ހުންނައިރު ފެންނާނެ މަންޒަރުތަކާއި އެ ބިޔަ ބޯޓުތައް ދުއްވާނެ ގޮތާ މެދު އޭނާ ހިޔާލު ކުރެ އެވެ.
އެކަމަކު އޭރު ވެސް ޖިނާން އަޒުމު ކަނޑައަޅައިފި އެވެ؛ ކޮންމެވެސް ދުވަހަކުން އެއިން ބޯޓެއްގެ ހުންގާނުގައި އޭނާ ހިފާނެ އެވެ. ކޮކްޕިޓުގައި އިނދެ، ޖައްވުގެ ތެރޭގައި އެތައް މޭލެއްް އޭނާ ކަޑައްތު ކުރާނެ އެވެ. އެ މަސައްކަތުގައި މުޅި އާއިލާ ފަހުރުވެރިކުރުވާނެ އެވެ.
މިއަދު އޭނާ އެކަން ހާސިލްކޮށްފި އެވެ. ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާތާ އަހަރުތަކެއް ފަހުން، މީގެ ދެ ދުވަސް ކުރިން އޭނާ އުދުހެމުން އުދުހެމުން އައިސް ވަނީ ތާރީހުގެ ތެރެއަށެވެ. ބައިނަލްއަގްވާމީ ބޮޑު އެއާލައިނެއްގެ ބޯޓެއްގެ ކޮކްޕިޓުގައި ފުރަތަމަ ފަހަރަށް ދެ ދިވެހިން ތިިބިއިރު، އޭގެ ތެރެއިން އެކަކީ ޖިނާން އެވެ. ދެން ހުރީ، ފަސްޓް އޮފިސަރު މުހައްމަދު ޝިނާޒެވެ.
"ދިވެހިންތަކެއް ބޯޓުގެ ކޮންޓްރޯލްގައި ތިބެ، ރާއްޖޭގެ ފަސްގަނޑަށް ޖައްސާލެވުމަކީ ވަރަށް ޖަޒުބާތީ ވަގުތެއް. ބައިނަލްއަގްވާމީ ބޯޓެއްގައި، ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހިންތަކެއް، އެނބުރި އަމިއްލަ ފަސްގަނޑަށް އާދެވުމަކީ ހަގީގަތުގައި ވެސް ވަރަށް ފަހުރުވެރިވި ވަގުތެއް،" ޖިނާން ބުންޏެވެ.
"އަލްހަމްދުލިއްލާހި."
އެތަކެއް ގުރުބާނީ، ވަގުތު އަދި ބުރަ މަސައްކަތް
ހުޅުލެއަށް ތިރިކުރާ މަތިންދާބޯޓުތައް ފެނިގެން، އެ ދުއްވުމުގެ ޝައުގުވެރިކަން އުފެދުނު ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހުނީ، ޖިނާން ބުނިގޮތުގައި ގޮންޖެހުންތައް ގިނަ، ދިގު ދަތުރެކެވެ. އޭރު އެ ކަހަލަ ބޮޑު ހުވަފެނެއް ދުށުމަކީ ވެސް އުނދަގޫ ކަމެކެވެ. އަޒުމަކާއި ހިތްވަރެއް ހުރި ނަމަވެސް، އެ ފަދަ މަގާމަކަށް އައުމަށް މާލީ ގޮތުން ބޮޑު ހަރަދެއް ކުރަން ޖެހޭތީއާ ވެސް އެކުގަ އެވެ.
އެކަމަކު ހުވަފެން ދެކުން ޖިނާން ހުއްޓައެއް ނުލަ އެވެ. ޕައިލެޓްކަން ކިޔެވުމަށް ފައިސާ ހޯދަން ކުރިމަތިވި އުނދަގޫތަކާއި އެކަމަށް ވާން ޖެހޭ ގުރުބާންތަކުން އޭނާގެ އަޒުމުވީ ހައްތަހާ ވަރުގަދަ އެވެ. ފަންޑު ލިބިގެން ކިޔަވަން ފެށި ނަމަވެސް، ކިޔެވުމުގައި ދައްކަން ޖެހުނު ކެތްތެރިކަމާއި ސާބިތުކަން އޭނާ އިތުރަށް މަސައްކަތުގައި ހަރުދަނާކުރުވި އެވެ.
އެންމެ ފަހުން އެކަމުގައި އޭނާ ކުރި ހޯދައިގެން މަސައްކަތް ފަށައިގަތީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓެއްގެ ގޮތުގަ އެވެ. ޖިނާން ބުނިގޮތުގައި ކުޑައިރުއްސުރެ ދުށް ހުވަފެނުގެ ފެށުމަކީ އެއީ އެވެ. އުދުހުމުގެ ދުނިޔޭގެ ހަގީގަތް އޭނާއަށް ދަސްކޮށްދިނީ އެތަނުންނެވެ. މަސައްކަތުގެ އަހުލާގާއި ހުނަރާއި ހަގީގީ ހިލްމު އޭނާ ހޯދީ އެ 'މަދަރުސާ'އިންނެެވެ.
މިހާރު އޭނާ ވަނީ އެއަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ.
"ހުރިހާ ވެސް ޝުކުރެއް ހެއްދެވި ފަރާތަށް. މިހާރު އަޅުގަނޑު މަސައްކަތް ކުރަނީ ބޮއިންގް737ގެ ކެޕްޓަނެއްގެ ގޮތުގައި. 12،000 ގަޑިއިރު އުދުހެވިއްޖެ. އޭވިއޭޝަން ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ހޯދިއްޖެ،" ޖިނާން، 41 ބުންޏެވެ.
އަމިއްލަ ފަސްގަނޑުގައި މަސައްކަތް ކުރުމަށް ފަހު ޖިނާން އުދުހިގެން ދިޔައީ ބައިނަލްއަގްވާމީ މައިދާނަށެވެ. ކުރިއަރަމުން އަންނަ އެއާލައިން، ފްލައިޑުބާއީއާ ގުޅުނު ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ޖިނާން އަންނަނީ އެތަނުގައި ވެސް އޭނާގެ ހުނަރު ދައްކައި، ތަރައްގީކުރަމުންނެވެ. ޕައިލެޓެއްގެ ގޮތުގައި އޭނާ އެ އެއާލައިނުގައި މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.
ޖިނާން ބުނީ އޭވިއޭޝަން ދާއިރާއަކީ ޑިމާންޑު ބޮޑު ދާއިރާއެއް ނަމަވެސް، ކުރިއަށް ދެވޭނެ ފަހި މަގުތައް އޮތް ކަމަށެވެ. ކެރިއަރުގައި ކުރިއަށް ދެވޭނެ ފުރުސަތުތައް ގިނަ އެވެ. މާލީ ގޮތުންނާއި ކިޔެވުމުގައި އަދި ޒާތީ ކަންކަމުގައި ގޮންޖެހުންތައް ހުރި ކަމުގައި ވިޔަސް، އަޒުމާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެ ކަމަށް ބުންޏެވެ.
ޖިނާންއަކީ މިހާރު ކާމިޔާބު، ތަޖުރިބާކާރު ކެޕްޓަނެކެވެ. އެކަމަކު އެ ކާމިޔާބީ ގުޅިފައިވަނީ، އޭނާ ބުނިގޮތުގައި ހުއްޓުމެއް ނެތި ކުރި މަސައްކަތާ އެވެ. އާއިލާއިން ދިން ހިތްވަރާއި ލޯތްބާ އެވެ. ވަޒީފާގެ މާހައުލުގައި ގެންގުޅުނު އަހުލާގާއި މެދުކެނޑުމެއް ނެތި ކަންކަން ދަސްކުރުމަށް ބެހެއްޓި އަހައްމިއްޔަތު ކަމާ އެވެ.
މިހާރު ޖިނާން ތައްޔާރުވަމުން އަންނަނީ، އެއާކްރާފްޓް އެކްސިޑެންޓުތައް ތަހުގީގު ކުރުމާ ގުޅޭގޮތުން އިތުރަށް ކިޔަވައި، ދާއިރާއަށް އެހެން ގޮތްގޮތުން ވެސް ހިދުމަތް ކުރުމަށެވެ.
ބޭރު ގައުމެއްގެ އެއާލައިނެއްގައި، އެހެން ޔުނީފޯމެއްގައި އުދުހެމުން އުދުހެމުން އިހަކަށް ދުވަހު އޭނާ އެ އައީ އަމިއްލަ ވަޒަނަށެވެ. އޭނާ ބުނެދޭން ބޭނުންވީ، ގައުމު ކުޑަވިޔަސް، ބޮޑެތި ހުވަފެންތައް ދެކެވިދާނެ ކަމެވެ. އެއް ދިވެއްސަކަށް، ބައްރުތައް ހުރަސްކޮށް ދަތުރުކުރެވޭ ނަމަ، އެހެން ދިވެއްސަކަށް އެކަން ނުކުރެވޭނެ ސަބަބެއް ނެތް ކަމެވެ.
"ފަހަރެއްގައި އެހެން ބަޔަކަށް ހީވެދާނެ ދިވެހިންނަށް މިކަމެއް ނުވާނެއޭ. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ، ދިވެހިންނަކީ ތޫނުފިލި، އަޒުމުވަރުގަދަ މަސަައްކަތްތެރި ބައެއްކަން. ފުރުސަތެއް ލިބިއްޖެ ނަމަ، އޭގެ ބޭނުން ރަނގަޅަށް ހިފާނެކަން،" ޖިނާން ބުންޏެވެ.
"އަޅުގަނޑުގެ އުއްމީދަކީ އިތުރު ދިވެހި ޕައިލެޓުން، ދުނިޔޭގެ އެކި ގައުމުތަކުގެ ކޮކްޕިޓުގައި ތިބެ އުދުހޭތަން ފެނުން."
އުދުހެމުން އުދުހެމުން އައިސް ޖިނާން މި ވަނީ ތާރީހުގެ ތެރެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ