ފީފާގެ އުސޫލުތަކާ އިންފަންޓީނޯ ހިލާފުވި މައްސަލަ ބަލަނީ

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އެތިކްސް ކޮމިޓީން އެތަނުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ނިންމައިފިއެވެ. އިންފަންޓީނޯއާ ދެކޮޅަށް ހުށައަޅާފައިވަނީ އެ ޖަމާއަތުން ސިޔާސީ ކަންކަމުގައި ގެންގުޅޭ ހަމަހަމަކަން ގެއްލުވާލައި ފީފާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. ފީފާއިން އެންމެފަހުން ބޭއްވި ހަފުލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާއްސަކޮށް އެވޯޑެއް ތައާރަފްކުރުމާއެކު ގިނަ ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ވާހަކަދައްކާފައެވެ. މިއީ ފީފާއިން މުޅިން އަލަށް މި އަހަރު ތައާރަފްކުރި ފީފާގެ ސުލްހައިގެ އިނާމެވެ. މި އިނާމް ޓްރަމްޕަށް ދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ފީފާ ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޓްރަމްޕަށް ސުލްހައިގެ އެވޯޑު ދިނުމަށްފަހު ވާހަކަދައްކަމުން އިންފަންޓީނޯ ބުނެފައިވަނީ މި އެވޯޑަކީ ދުނިޔޭގެ ހަމަޖެހުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތަށް ދެއްވި އިނާމެއް ކަމަށާއި މިއީ ހައްގު އިނާމެއް ކަމަށެވެ. މި އެވޯޑާއެކު އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފަރާތުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ ފީފާއިން ސުލްހައިގެ އިނާމް ތައާރަފްކުރީވެސް ޓްރަމަޕަށް އަމާޒުކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ