ވެނެޒުއޭލާގެ އައްސޭރިފަށުން އެ ގައުމުގެ ތެޔޮ ޓޭންކަރެއް އެމެރިކާއިން އަތުލައިގެންފި

ވެނެޒުއޭލާގެ އައްސޭރިފަށުން ދަތުރު ކުރި ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން އަތުލައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާ އިން ކުރާ ޕްރެޝަރު ކެމްޕޭން ވަރަށް ބޮޑަށް ފުޅާވި ކަމުގެ ހެއްކެކެވެ.
"ވެނެޒުއޭލާގެ އައްސޭރިފަށުން ޓޭންކަރެއް އަތުލައިގަތް ފިން. މިއީ މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޓޭންކަރު،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ވިދާޅުވީ އެ ބޯޓަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ވެނެޒުއޭލާ އާއި އީރާނުގެ ސާފުނުކުރާ ސަޕްލައި ކުރުމަށް ބޭނުން ކުރި ޓޭންކަރެއް ކަމަށެވެ.
އޭނާ ވަނީ އެމެރިކާ އިން އަތުލައިގަން އެ ޓޭންކަރުގެ ވީޑީއޯއެއް ވެސް ހިއްސާކޮށްފަ އެވެ.
ވެނެޒުއޭލާ އިން ވަނީ އެއީ ބައިނަލްއަގުވާމީ ކަނޑުފޭރުމުގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. ވެނެޒުއޭލާގެ ރައީސް މަޑޫރޯ ވިދާޅުވީ ވެނެޒުއޭލާ ދުވަހަކު ވެސް "ތެޔޮ ކޮލޮނީ" އަކަށް ނުވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ ބަދަލުގައި ވެނެޒުއޭލާއިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ އިން އެ ގައުމުގެ ވަސީލަތްތައް ފޭރިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ގައުމަކީ ވެނެޒުއޭލާ އެވެ.
އެ ހާދިސާއާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު އިއްޔެ ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ޕާމް ބޮންޑީ ވިދާޅުވީ އެ ބޯޓު އަތުލައިގަތުމުގެ މަސައްކަތް ކޮށްފައިވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ޑިޕާޓްމަންޓް އޮފް ޑިފެންސް، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި އެމެރިކާގެ ކޯސްޓްގާޑް ގުޅިގެން ކަމަށެވެ.
މި ޓޭންކަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ތެޔޮ އުޅަނދެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.
"އެމެރިކާއިން އެ ޓޭންކަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތާ އެތައް އަހަރެއް ވެއްޖެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވެ، ގަވާއިދާ ހިލާފަށް ތެޔޮ ޝިޕިން ނެޓްވޯކެއްގައި ދިޔައީ ބައިވެރިވަމުން،" އެ ގައުމުގެ އެންމެ އިސް ޕްރޮސެކިއުޓަރު އެކްސްގައި ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ