ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ހުޅުވާލާ އިއުލާނެއް ގެޒެޓުކޮށްފަ އެވެ.
ތަފްސީލް - އެ އިއުލާނުގައި ބުނީ، ކޮމާޝަލް ފަސިންޖަރުންނަށް ދޭ ހިދުމަތުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހިންގާ ގޮތަށް މުޅި ރާއްޖެއަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ލިބޭނެ ކަމަށެވެ.
އެއާ އެކު އެ މުއްދަތުގައި އިތުރު އެހެން ކުންފުންޏަކަށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ ހުއްދައެއް ނުދޭނެ
މި ހިދުމަތް ފަށަނީ، މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުން:
ހެލިކޮޕްޓަރުގައި ފަތުރުވެރިން އުފުލައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް
އެއާޕޯޓެއް ނެތް ރަށްރަށުން ވެސް އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް
ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް
ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކޮށްފައިވާ އާރުއެފްޕީ ޑޮކިޔުމެންޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހިދުމަތް ދިނުމަށް ހޮވާ ކުންފުނިން ކޮންމެ މަހަކު 80-150 ގަޑިއިރު އެއްވެސް އަގަކާ ނުލާ މެޑިކަލް އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ހިދުމަތް ދޭންވާނެ އެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
މި ހިދުމަތް އަންނަ އަހަރުގެ 15 ނޮވެމްބަރުގައި ފެށުމަށް އަމާޒު ހިފާފައިވާއިރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 25އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކޮންޓްރެކްޓް އެވޯޑު ކުރުމަށް ތާވަލުކޮށްފައިވާ ތާރީހަކީ އަންނަ 26 މާޗު
އެނގުން މުހިއްމު - ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ހުއްދަ އަލުން ދޭން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ހިދުމަތް ދޭނެ ބަޔަކު ހޯދަން ޕްރޮޕޯސަލްއަށް ހުޅުވާލި ނަމަވެސް ފަހުން އިއުލާނު ބާތިލް ކުރީ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ހެލިކޮޕްޓަރުގައި މީހުން އުފުލި ނަމަވެސް އެ ހިދުމަތް ހުއްޓާލީ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލެން ފެށުމުންނެވެ. ފަހުން އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލާ ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝައުގުވެރިކަން ފާޅުކުރަން އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ