ޔުނީފޯމް އަޅައިގެން ވައްކަމާއި ކުށްކުރުމުގައި: ގޮތެއް، ފޮތެއް ނެތް!
        ހަނދާން އާކޮށްލަން މި ފަހުގެ ބައެއް ކަންކަން ލިސްޓް ކޮށްލާނަމެވެ. - ހަތަރު އަހަރު ތެރޭގައި ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓުން 400 މިލިއަނެއްހާ ދިވެހި ރުފިޔާ ދައުރުކުރި މައްސަލަ!  - ސިފައިންގެ ވެލްފެއާ ކޯޕަރޭޝަން (ސިވެކް)އަށް ތުހުމަތުވާ އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަންގެ މައްސަލަ!  - ފުލުހުންގެ ތިޖޫރީން 30,000 ޑޮލަރު ގެއްލުމާއި, ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)އަށް ކޮރަޕްޝަންގެ ތުހުމަތު!  - މަސްތުވާތަކެތި ފަދަ ޖިނާއީ ކުށްތަކުގައި ސިފައިންނާއި ފުލުހުން ހައްޔަރު ކުރުން!  - ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 އޮފިސަރުންގެ މައްސަލަ ބެލުން!  - ބިދޭސީންގެ ކަންކަމުގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރާއި އާއި ބައެއް އޮފިސަރުން ރިޝްވަތު ނަގާކަމުގެ ތުހުމަތު! މިހެން ގޮސް ކިތަންމެ ވަރަކަށް ވެސް ލިޔެފާނަމެވެ. ފަޅާއެރި ކަންކަމަށް ވުރެން ފަޅާ ނާރާ ކަންކަން މާ ގިނައެވެ. މިއީ އެކި ކުލަކުލައިން ރީތި ޔުނީފޯމް އަޅައިގެން, މާތް الله ގަންދީ ހުވާކޮށްގެން, ދައުލަތުން މުސާރައާއި އިނާޔަތް ނަގާ ބައެއް މުއައްސަސާތަކުގެ ބައެއް މީހުންގެ ހާލަތެވެ. މަދު ބައެއް ނޫނެވެ. ގިނަ އަދަދެއްގެ ބައެކެވެ.  https://www.sun.mv/213185 ގައުމެއްގެ ސަލާމަތަށް ބެލިނަމަވެސް އަދި މުސްތަގުބަލަށް ބެލިނަމަވެސް މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ޔުނީފޯމް އެޅި މުއައްސަސާތަކުގެ ހާލަތަށް އެކަނި ބެލިނަމަވެސް ކަންކަން ހުރީ ރަތް އެލާޓްގައެވެ. ވައްކަމާއި ރިޝްވަތަށް ހެއްލުމާއި ކުށްކުރުން އެއީ ކަމަކަށް ނުވާ ހިސާބަށް ކަންކަން ގޮސްފައެވެ. އެ ހާލަތަށް ދިޔައީ މިއަދަކު ނޫނެވެ. އިއްޔެ އަކު ވެސް ނޫނެވެ. ކިތަންމެ އަހަރުތަކެއްވެއްޖެއެވެ. ސުވާލަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ, ޒިންމާދާރު މަގާމުތަކުގައި ވަގުންނާއި ލުޓޭރުންނާއި ޖިނާއީ ކުށްކުރާ މީހުން މިހާ ގިނަ މިވީ ކީއްވެގެންތޯއެވެ? ވަގުންނާއި ލުޓޭރުން ގިނަ ވަނީ ކީއްވެ؟ ހަމައެކަނި ރާއްޖެއެއް ނޫނެވެ. ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ބައެއް ގައުމުތަކުގައި ވެސް ކަސްޓަމްސް، އިމިގްރޭޝަން ނުވަތަ ފުލުހުންގެ އޮފިސަރުންނަށް އެކަށީގެންވާ އިޚްތިޔާރާއި ބާރުތައް ދީފައިވާއިރު އެ މީހުންގެ އަމަލުތައް މޮނީޓާރު ނުކުރެވޭނަމަ ނުވަތަ ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ކުޑަވެއްޖެ ނަމަ، ރިޝްވަތު ނުވަތަ ކޮރަޕްޝަންތައް ހިންގުމަކީ އާއްމު ކަމެކެވެ. އަދި މީހުން ފްރޭމް ކުރުން ފަދަ ކަންކަން ކުރުމަކީ ވެސް ހިނގާ ކަންކަމެވެ. އިންސާނުން ވީމައި އެކި ފާޑު މީހުން އުޅޭނެއެވެ. އިހުލާސްތެރިންނާއި ކުށްވެރިން ހިމެނޭ ގޮތަށެވެ.  އިސްލާހީ ވާހަކަތަކުގައި އަޑުގަދަ, ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ މި ސުވާލު ކުރުމުން ވިދާޅުވީ ރާއްޖެއަށް ވެގެން އުޅޭ ގޮތަކީ ކުށް ނުކުރުމުގެ، ހަރުދަނާ ޕްރޮފެޝަނަލް އުޞޫލުތަކަށް ތަބާވުމުގެ ސަގާފަތެއް މަސައްކަތު މާހައުލުގައި ނެތުން ކަމަށެވެ. ތިމާގެ އަމިއްލަ ސުލޫކު ކޮންމެ ގޮތަކަށް ހުއްޓަސްވެސް، މަސައްކަތާ ގުޅޭ ކަންކަމުގައި ވަކި ގޮތަކަށް، ވަކި ތަރުތީބަކުން، ވަކި ހަމައަކުން، ވަކި ފެންވަރެއްގައި މަސައްކަތްކުރުމުގެ ސަގާފަތް ހަރުލާފައި ހުންނަ ވަރު ދަށީ ކަމަށް ޝަމީމް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޝަމީމް ދެއްކެވީ ޤާނޫނު ތަންފީޒުކުރާ، ޔުނިފޯމު އެޅި އިދާރާތަކުގެ ތެރޭގައި ވެސް މިހާރު ހަރުދަނާ ލީޑާޝިޕެއް ނެތުމެވެ. އެންމެ މަތީ ފަޑީގައި ރަނގަޅު، ހަރުދަނާ ލީޑަރުން އެބަތިއްބެވެ. ނަމަވެސް، އެ ލީޑަރުންނަށް، މިޑްލް މެނޭޖްމަންޓުގެ މީހުން ކުރިއަރުވައި، މެންޓާކުރަން ސަމާލުކަން ދޭންވާވަރަށް ސަމާލުކަން ނުދެވުމެވެ.  އޭގެ ނަތީޖާއަކީ، މުޅި މުއައްސަސާގައި ހަރުލާންޖެހޭ މަސައްކަތުގެ ސަގާފަތުގެ ފެންވަރު ދަށްވުމެވެ. އެންމެ މަތީ ލީޑަރުންގެ ކިބައިގައި ހުންނަ ސިފަތައް، މިޑްލް މެނޭޖްމަންޓުގެ މީހުންގައި ނެތުމެވެ. މިޑްލް މެނޭޖްމަންޓުގެ މީހުން ލީޑާޝިޕާ ހަވާލުވާއިރު، ކުރިން ތިބި މީހުންގެ ފަރާތުން ދަސްވެފައިވާ ކަންކަން މަދުވުމެވެ. މީގެ ސަބަބުން އިންސްޓިޓިއުޝަންތައް މަޑުމަޑުން ބަލިކަށިވަމުން ދިއުމެވެ.    "މިޑުލް މެނޭޖުމަންޓް ހަރުދަނާ ނުވިއްޔާ އަލަށް ވަންނަ މުވައްޒަފުންނަށް ރަނގަޅު ގައިޑެންސްއެއް ނުދެވޭނެ. އެ މުވައްޒަފުން ތަބާވާނީ މިޑުލް މެނޭޖުމަންޓް މީހުންގެ އިރުޝާދު. މިޑުލް މެނޭޖުމަންޓްގެ މީހުން މެންޓަރކުރާނީ، ތަރައްޤީކުރާނީ އެންމެ މަތީ ލެވަލްއިން. އެއީ މި ސައިކަލް އޮންނާނެ ގޮތަކީ. މަތިން ފެށިގެން ތިރިއަށް މި ކަންކަން ގެނެސްގެން ނޫނީ ހަރުދަނާ އިންސްޓިޓިއުޝަނެއް ޤާއިމެއް ނުކުރެވޭނެ. އެންމެ މަތީގައި ތިބޭ މީހުން ވިސްނަންވާނީ އަބަދުވެސް ތިމަންނާގެ ފަހަތުން އަންނާނެ މީހުން ބިނާކުރަން،" ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑު ރާއްޖެ ފަދަ ގައުމުތަކުގައި ލިބޭ މުސާރައިން ނުފުދުމަކީ ވެސް ކޮރަޕްޝަނާއި ވައްކަން ގިނަވާ ސަބަބެކެވެ. ޖިނާއީ ކުށްތައް ކުރާ މީހުން, ނުވަތަ ވިޔަފާރީގެ ނަފާ ބޮޑު ކުރަން މަކަރު ހަދާ މީހުންގެ ރިޝްވަތަށް މުވައްޒަފުން ހެއްލޭ ސަބަބަކަށް ލިބޭ އާމްދަނީ ދަށްވުން ހިމެނޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި ތިމާއަށް ލިބޭ އާމްދަނީއަށް ވުރެން މާ މަތީ ދިރިއުޅުމެއް އުޅުމުގެ ސަގާފަތް ވެސް ރާއްޖޭގައި އޮންނައިރު ޖެހުނު ގޮތަކަށް ފައިސާ ހޯދުމަކީ ވެސް އާއްމު ކަމެކެވެ. ހައްލަކީ ކޮބާ؟ ޔުނީފޯމް އެޅި އިދާރާތަކުގެ އަގު ވެއްޓުމުން އަލުން ރައްޔިތުންގެ އިތުބާރު ހޯދައި އެ ތަންތަން ރަނގަޅު އުސޫލުން ހިންގޭނެ ނިޒާމެއް ގާއިމު ކުރުމަކީ ނުވާނެ ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ ބައެއް ގައުމުތަކުން ތަޖުރިބާކޮށް, ކާމިޔާބު ވެސް ކޮށްފައިވާ ކަންކަމެވެ. މިސާލަކަށް ހޮންކޮންގް ފުދެއެވެ. އެ ގައުމަށް ބަލާއިރު 1970ގެ އަހަރުތަކުގެ ކުރިން ހޮންކޮންގްގައި ފުލުހުންނާއި ކަސްޓަމްސް ސާވިސް ފަދަ މުއައްސަސާތައް އޮތީ ވަރަށް ބޮޑަށް ކޮރަޕްޓް ވެފައެވެ. އެ ގައުމުގެ އޭރުގެ ވެރިން އެ މައްސަލަ ހައްލު ކުރަން އިހުލާސްތެރި މަސައްކަތްތަކެއް ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 1974 ވަނަ އަހަރު އިންޑެޕެންޑެންޓް ކޮމިޝަން އެގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ)ގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދިއެވެ. އެ މުއައްސަސާގެ ޒިންމާއަކަށް ވެފައި އޮންނަނީ ސީދާ އެންމެ މަތީ އިދާރާތަކަށް ރިޕޯޓްކޮށް، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ އުފުލުމެވެ.  އެ ގައުމުން އެންޓި ކޮރަޕްޝަން އޭޖެންސީއަކީ މިނިވަން އަދި ފުރިހަމަ ބާރެއް ލިބިގެންވާ އިދާރާއަކަށް ހެދިއެވެ. ހަމަ އެހެންމެ, އެ ކޮމިޝަނުގެ އަމާޒަކަށްވީ ކޮރަޕްޝަން ހިންގާ މީހުން އެކަންޏެއް ނޫނެވެ. މުޅި ނިޒާމު ބަލައި ހުރި މައްސަލަތައް ދެނެގަނެ ފިޔަޅު އަޅަން ފެށިއެވެ. ހަމައެހެންމެ ކޮރަޕްޝަނާ މެދު އާއްމުން އެކި ލެވަލްތަކުގައި ހޭލުންތެރި ކުރުވައި އެއީ ކޮށްގެން ނުވާނެ ކަމެއް ކަމާއި އެކަމުގެ ގެއްލުން ބުނެ ދިނެވެ. އަދި ކޮރަޕްޝަން ހިންގައިފި ނަމަ ހައްގު އަދަބު ދިނެވެ. އޭގެ ނަތީޖާއަކީ އެ ގައުމުގައި ކޮރަޕްޝަން މަދުވެ, މިއަދު އެ ދެކޭ ތަރައްގީއެވެ. މީގެ އަނެއް މިސާލަކީ މުޅި ދުނިޔެއަށް މިސާލަކަށްވާ ސިންގަޕޫރެވެ. ސިންގަޕޫރުގެ މިނިވަންކަން ލިބުމުން ތަރައްގީއަށް ދަތުރު ފެށީ, ޕަބްލިކް ސާވިސް ކޮމިޝަނާއި ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އަށް ފުރިހަމަ މިނިވަންކަން ދީގެންނެވެ. އެ ތަންތަން ހިންގަން ސިޔާސީ މީހުން އަތް ނުބާނައެވެ.  https://www.sun.mv/210359 ދިވެހި ރާއްޖެއަށް ވެސް ބޭނުންވަނީ އެފަދަ އެންޓި ކޮރަޕްޝަން ކޮމިޝަނެކެވެ. މިހާރު އޮތްކަހަލަ ދައުލަތުގެ ބަޖެޓުން ފައިސާތަކެއް އިސްރާފު ކުރާ ކަހަލަ ކޮމިޝަނެއް ނޫނެވެ. އަދި މަގާމުގެ ދަހިވެތިކަމުގައި އޭރަކު އޮންނަ ސަރުކާރަކުން ބުނިހާ ކަމެއް ކުރާ ކަހަލަ ކޮމިޝަނެއް ވެސް ނޫނެވެ. ގައުމުތަކުން މިފަދަ މައްސަލަތައް ހައްލު ކުރަން ދެން އަމަލު ކުރާ ގޮތަކީ ގާބިލް މީހުންނަށް އެ ވަޒީފާތަކާއި އިސް މަގާމުތައް ދިނުމެވެ. ހަރުދަނާ ގައުމުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސަރުކާރުގެ އިސް މަގާމުތައް ދެނީ، ސިޔާސީގޮތުން ނުވަތަ ގާތްކަމަށް ބެލުމުގެ ބަދަލުގައި ގާބިލު މީހުންނަށް މަގާމުތައް ދޭ އުސޫލުންނެވެ. އޭގެ އެއް މިސާލަކީ އިނގިރޭސި ވިލާތެވެ. އެ ގައުމުން 1850 އިން ފެށިގެން ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ މެރިޓް އުސޫލުން ބަލައި, އިމްތިހާނުތައް ފުރިހަމަ ކުރުވައިގެންނެވެ. އަދި އެ ގައުމުގެ ސިޔާސީ ލީޑާޝިޕް ބަދަލުވިޔަސް، އިހުލާސްތެރިނަމަ ސީނިއާ އެޑްމިނިސްޓްރޭޓަރުން ދެމި ތިބެނީ އެ މަގާމުތަކުގައެވެ. މިއީ ވެސް ރާއްޖޭން އަމަލު ކުރަން ޖެހޭ އުސޫލެކެވެ. ހަމައެހެންމެ މެނުއަލްކޮށް ކަންކަން ކުރުމުގެ ބަދަލުގައި ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ހިދުމަތްތައް ދިނުމަކީ ވެސް ކޮރަޕްޝަނާއި ރިޝްވަތު ހުއްޓުވޭނެ ކަމެކެވެ. ރަނގަޅު ޑިޖިޓަލް ނިޒާމެއް ގާއިމު ކުރެވިއްޖެނަމަ ވަކި މީހަކަށް ވަކި އުސޫލަކުން ފައިދާ ހޯދައިދޭ ދިނުން މިހާރަށް ވުރެން މަދު ކުރެވޭނެއެވެ. ޔޫރަޕުގެ ކުޑަ ގައުމެއް ކަމަށްވާ އެސްތޯނިއާއަކީ އެފަދަ މިސާލެކެވެ.  ދެން އޮތް ކަމަކީ ކުށްކުރުމުން ހައްގު އަދަބު ދިނުމެވެ. ކުށްވެރިންނަށް އަދަބު ނުދީ ނިޒާމު ސާފެއް ނުކުރެވޭނެއެވެ. މިކަމަށް ބޭނުންވަނީ ރިޝްވަތަށް މައްސަލަ ނަގައި ނުދޭ މިނިވަން ޕްރޮސެކިއުޓަރުންނާއި،ހަރުދަނާ ކޯޓުތަކާއި، ގާނޫނު ހަދަން ވެސް ހަރުދަނާ ނިޒާމެކެވެ. ހަމައެހެންމެ ފާރަވެރިންނަށް ފުރިހަމަ ބާރާއި އިހުތިޔާރު އޮންނަން ޖެހެއެވެ. ނޫސްވެރިކަމަށް މިނިވަންކަން އޮންނަން ޖެހެއެވެ. އެކަމަކު މި ސަރުކާރުން މި ފަހުން ވެސް މި ވަނީ ކޮރަޕްޝަން ވާހަކަ ދައްކަން ދަތިވާ ގޮތަށް ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފަށައިފައެވެ. މިއީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް ހުރަހެކެވެ. އަދި ވަގުންނަށް އޮތް ފުރުސަތެކެވެ. ހަރުދަނާ މުއައްސަސާތައް ބަރޯސާވަނީ ވަކި ވަކި މީހުންނަށް ވުރެން ހަރުދަނާ ގާނޫނުތަކާއި، ނަޒާހަތްތެރިކަމާއި، ޖަވާބުދާރީ ކުރުވުމުގެ މައްޗަށެވެ. ރާއްޖެއަށް ބޭނުން ވަނީ އެފަދަ ނިޒާމެކެވެ. ކޮރަޕްޝަނާއި ފަސާދަ މި ގޮތަށް ދެމިގެން މިދަނީ ބާރުތައް އެއްކޮށް ގެންގުޅުމުގެ ފުރުސަތު ދިނުމާއެކު ސަރުކާރުގެ އޮފީސްތަކުގައި ސިޔާސީ ނުފޫޒު މާ ގަދަވާތީއެވެ. މިކަމަށް އޮތް ހައްލަކީ މިނިވަން، ދެފުށް ފެންނަ އަދި ޑިޖިޓަލްކޮށް ހިންގާނެ މުއައްސަސާތައް އުފެއްދުމެވެ. ހަމައެހެންމެ ގާބިލުކަމުގެ މައްޗަށް ބިނާކޮށް ވަޒީފާތަކާއި މަގާމުގެ ކުރިއެރުންތައް ދިނުމެވެ. ގާނޫނާ ހިލާފު އަމަލުތަކަށް އަދަބު ދިނުމާއި، އަމާނާތްތެރިކަމަށް ހިތްވަރު ދިނުމެވެ. ސިންގަޕޫރާއި ޖޯޖިއާ ފަދަ ގައުމުތަކުގެ މިސާލުތަކުން އެނގޭ ގޮތުގައި ކަންކަން އިސްލާހު ވާނީ ފާރަވެރިވާ މުއައްސަސާތައް މިނިވަން ކޮށްގެންނެވެ. ރާއްޖޭން މިއަދު ކުރަން ޖެހިފައިވާ ކަމަކީ އިތުބާރު ގެއްލިފައިވާ މުއައްސަސާތަކަށް އިތުބާރު ހޯދުމެވެ. އެކަން ކުރެވޭނީ ކެރިގެން ފިޔަވަޅުތައް އަޅައިގެންނެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ