ހަމާސް ނައްތާލަން އެމެރިކާއިން ޣައްޒާއަށް އަރައިގަންނަން ޖެހިދާނެ: ޓްރަމްޕް
ވޮޝިންޓަން (22 އޮކްޓޯބަރު 2025): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތް ނައްތާލުމަށްޓަކައި އެމެރިކާގެ ސިފައިން ޣައްޒާއަށް ފޮނުވުމަށް އެމެރިކާއާ ގާތްގުޅުންތައް ބާއްވާ މެދުއިރުމަތީގެ ގައުމުތައް (އެމެރިކާއާ އެކުވެރި އަރަބި ގައުމުތައް) އެދޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އޭނާގެ ތްރުތް ސޯޝަލްގައި ލިޔުއްވާފައިވާ ގޮތުގައި ޣައްޒާގެ އެއްބަސްވުމާ ޚިލާފުވަނީ ހަމާސްއިންނެވެ. ހަމާސްއިން އެކަން އެގޮތަށް ކުރާނަމަ ހަމާސް ނައްތާލަން އެމެރިކާގެ ބާރުތައް ޣައްޒާއަށް އެރުމަށް އެމެރިކާއާ ގާތްގުޅުންތައް ބާއްވާ މެދުއިރުމަތީގެ ގައުމުތައް އެމެރިކާގެ ކިބައިން އެދޭކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއާ އެންމެ ގުޅުންތައް ބޮޑު އަރަބި ގައުމުތައް ކަމަށްވާ މިސްރު، ސައޫދީ، ޔޫއޭއީ، އުރުދުން، ބަހުރައިން އަދި މަޣްރިބް ފަދަ ގައުމުތަކަކީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރާ ގައުމުތަކެވެ. މިއީ އިސްރާއީލުން ވެސް ހަމާސް ސިފަކުރާ ގޮތެވެ. މި ހަ ގައުމުގެ ތެރެއިން ސައޫދީ ފިޔަވައި އަނެއް ފަސް ގައުމަކީ އިސްލާމީ އުންމަތުގެ އިޖްމާއުން ބޭރުގެ ފަލަސްތީނުގެ ހައްގުތަކާއި މަސްޖިދުލްއަގްސާއަށް ވެސް ބެލުމެއް ނެތި އިސްރާއީލާ ގުޅުންތައް ގާއިމުކޮށްފައިވާ ފަސް ގައުމެވެ. ނަމަވެސް، އެ ގައުމުތަކުގެ ރައްޔިތުންގެ ވިސްނުން މިއާ ތަފާތެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތައް ހިންގައި މުޅި ޣައްޒާ ފުނޑާލައި ޣައްޒާގެ 70،000 އެއްހާ އާންމުން ޝަހީދުކޮށް ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި މަރަމުން ގެންދާއިރު ވެސް، އަރަބި މި ފަސް ގައުމުންވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލުމަށް ނުވަތަ އެ ގުޅުންތައް ހީނަރުކޮށްލުމަށް ވެސް ފަސްޖެހިފައެވެ. ނަމަވެސް، ސްޕެއިނާއި ކޮލަންބިއާ އަދި ވެނެޒުއެލާ، ކިޔުބާ އަދި ދެކުނު އެފްރިކާ ފަދަ މުސްލިމް ނޫން އެތައް ގައުމަކުން ވަނީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އިސްރާއީލާ ބައެއް ގުޅުންތައް ކަނޑާލައި އެ ގައުމުތަކުގައި ތިބޭ އިސްރާއީލުގެ ސަފީރުން ބޭރުކޮށް އަދި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. މީގެ ތެރެއިން ކިޔުބާއާއި ވެނެޒުއެލާއިންވަނީ އިސްރާއީލާ ގުޅުންތައް ވެސް އެއްކޮށް ކަނޑާލާފައެވެ. ނަމަވެސް، އެމެރިކާއާ ގުޅުންތައް އެންމެ ބޮޑު އަރަބި އެއް ގައުމު ކަމަށްވާ ގަތަރުގެ ވިސްނުން ހަމާސްއާ މެދު ވަރަށް ތަފާތެވެ. ގަތަރުން ހަމާސްއަށް އެހީ ވެސް ފޯރުކޮށްދެއެވެ. އަދި، އެ ޖަމާއަތުގެ ސިޔާސީ ފަރާތްތަކަށް ހިމާޔަތް ވެސް ދެއެވެ. ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ވެއްދުމަށް ވެސް ހުރަސްއަޅަމުންނެވެ. އަދި، މި އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ވަނީ ޣައްޒާއަށް ގިނަ ހަމަލާތަކެއްދީ ފަލަސްތީނުގެ 101 މީހަކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައެވެ. ރައްދުގައި ހަމާސްއިންވަނީ އިސްރާއީލު ސިފައިންގެ ދެ މީހަކު ޣައްޒާގައި މަރާލާފައެވެ. ޓްރަމްޕް ވަނީ ހަމާސްއަށް އިންޒާރު ދެއްވައި އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވައިގެން ވަރަށް އަނިޔާވެރި ގޮތަކަށް ހަމާސް ނައްތާލަން ޖެހިދާނެކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ. ހަމާސް ނައްތާލުމަށް ނުކުޅެދިފައިވާ އިސްރާއީލުން ވެސް ހަމާސް ނައްތާލުމުގެ ބަމުގައި ނައްތާލަނީ ނުވަތަ ހަމަލާދީ މަރަމުން ގެންދަނީ ޣައްޒާގެ ހަތިޔާރު ނެތް އާންމު ރައްޔިތުންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ހަމާސް ނައްތާލުމަށް ޣައްޒާއަށް އެމެރިކާ އަރައިގަނެ، އެކަން ކުރުމުގެ ވިސްނުމެއް އަދި ނެތެވެ. ނަމަވެސް، އެއީ ކުރަންޖެހިދާނެ ކަމެކެވެ. ހަމާސްއިން ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީން އިސްރާއީލު ފާބައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އިސްރާއީލު އެއްބަސްނުވާނަމަ އެމެރިކާއާއި އިސްރާއީލާއި އަދި އިސްރާއީލާ ގުޅުންތައް ބާއްވާ އެމެރިކާގެ ގޮނޑިކޮއްކޮ އަރަބި ގައުމުތައް އެދޭގޮތަށް ހަތިޔާރު ބެއްހެއްޓުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާއާއި އިސްރާއީލުގެ އަނިޔާވެރިކަން ކިތަންމެ ބޮޑު ނަމަވެސް ފަލަސްތީނު މިނިވަން ނުކުރެވެނީސް މިނވަންކަމަށް ކުރާ ޖިހާދު ހުއްޓާނުލާނެ ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުގައި ފަލަސްތީނަށް ލިބިފައިވާ ހައްގެއްކަން ހަމާސްއިން ގެންދަނީ އެމެރިކާއާއި އިސްރާއީލަށް ހަނދާން ކޮށްދެމުންނެވެ. އެމެރިކާއަކީ ފަލަސްތީނުގެ ހައްގުތަކަށް އިންކާރުކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ފަލަސްތީނުގެ ހައްގުތަކުގެ މައްސަލާގައި އެމެރިކާއާއި ޔަހޫދީ ޒަޔަނިސްޓް އެންޓިޓީ އިސްރާއީލުވަނީ ދުނިޔޭގައި އެކަހެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ