ލަންޑަން (އޮކްޓޫބަރު 24) - ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމު ގޮވައިގެން ޝޯން ޑައިޝް ނުކުުތް ފުރަތަމަ މެޗުގައި ރޭ ޔޫރޮޕާ ލީގުގައި ޕޯޓޯ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
ފޮރެސްޓުން މި ސީޒަން ފެށީ މިހާރު ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯއާ އެކުގަ އެވެ. އެކަމަކު، އޭނާ ވަކިކުރުމަށް ފަހު، ގެނައި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު، އަންޖް ޕޮސްޓެކޮގްލޫ ވަނީ މަގާމުގައި 39 ދުވަހަށް ފަހު ވަކިކޮށްފަ އެވެ. ޕޮސްޓެކޮގްލޫގެ ކޯޗުކަމުގައި ފޮރެސްޓުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބޭއިރު، ހަ މެޗުން ވީ ބައްޔެވެ.
ޕޮސްޓެކޮގްލޫ ވަކިކޮށް، ފޮރެސްޓުން ގެނައީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހެދި ކޮންޓްރެކްޓެއްގައި، ބާންލީ އާއި އެވަޓަންގެ ކުރީގެ ކޯޗު، ޑައިޝް އެވެ. ޑައިޝްގެ އިރުޝާދުގެ ދަށުން ރޭ ޔޫރޮޕާ ލީގުގައި ފޮރެސްޓުން ނަތީޖާ ނެރުނީ ރަނގަޅު ކުޅުމެއް ވެސް ދައްކައިގެންނެވެ. މިއީ، އޮގަސްޓް މަހު ކުޅުނު ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަށް ފަހު، ފޮރެސްޓަށް ލިބުނު ފުރަތަމަ މޮޅެވެ.
މެޗުގެ 19 ވަނަ މިނިޓްގައި ފޮރެސްޓުން ލީޑުނެގީ ޕެނަލްޓީއަކުން، މޯގަން ގިބްސް-ވައިޓް ޖެހި ގޯލުންނެވެ. މިއީ، ޕޯޓޯގެ ޑިފެންޑަރު، ޔެން ބެޑްނަރެކް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފޮރެސްޓުން މި މެޗުގައި ޖެހި ދެ ވަނަ ގޯލު ވެސް ކާމިޔާބުކުރީ ޕެނަލްޓީންނެވެ. މިއީ، އީގޯ ޖީސޫސް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ، ޕޯޓޯގެ މާޓީމް ފެނާންޑޭސް އޭރިއާތެރެއިން ފޮރެސްޓްގެ ނިކޯލޯ ސަވޯނާ އަށް ފައުލުކުރުމުންނެވެ.
އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ފޮރެސްޓުން އެންމެ ފަހުން، ޔޫރަޕް މުބާރާތެއްގައި މޮޅެއް ހޯދީ، 1995 ވަނަ އަހަރު، ޔުއެފާ ކަޕްގައި ލިޔޯން އަތުން 1-0 އިންނެވެ.
ޑައިޝްގެ ފުރަތަމަ މެޗުން ފޮރެސްޓަށް މޮޅެއް ޑައިޝްގެ ފުރަތަމަ މެޗުން ފޮރެސްޓަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ