ޖާންވީއާ އެކު ކުޅޭ ފުރަތަމަ ފިލްމުގައި ޓައިގާއަށް ވިލެންގެ ރޯލު؟

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރު ފުރަތަމަ ފަހަރަށް އެކީގައި ކުޅޭ ފިލްމު "ލަގް ޖާ ގަލޭ"އިން ޓައިގާ ފެންނާނީ 'ރިވެންޖް' ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިހާތަނަށް ވަރަށް ވަރުގަދަ އެކްޝަން ރޯލްތަކުން ފެނިފައިވާ ޓައިގާ މިއީ އެފަދަ ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމީ ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ. އަދި، ފިލްމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުތެރޭ ފަށަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ބަދަލުހިފުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ލޯބީގެ ފިލްމަކީ ރާޖް މެހެތާ ޑައިރެކްޓްކޮށް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމު "ދޯސްތާނާ 2"ގެ ސެޓުގައި ޖާންވީ ފިލްމީ ތަރިން ކަމަށްވާ ކާތިކް އާރިއަން އަދި ލަކްޝްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ރާޖް މެހެތާ ދަރުމާ ޕްރޮޑަކްޝަންއަށް ޑައިރެކްޓްކޮށްދީފައިވާ ފިލްމުތަކުގެ ތެރޭ "ގުޑް ނިއުސް"، "ޖުގް ޖުގް ޖިއޯ" އަދި "ސެލްފީ" ހިމެނެއެވެ. ޓައިގާއާއި ޖާންވީގެ އިތުރުން ފިލްމު "ލަގް ޖާ ގަލޭ"ގެ ކާސްޓުގައި އެކްޓަރު ލަކްޝް ލަލްވާނީ ވެސް ހިމެނެއެވެ. ނަމަވެސް، ލަކްޝް ފިލްމުގައި ކުޅޭ ކެރެކްޓާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ޓައިގާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ބާޣީ 4"އިންނެވެ. ބަތަލާ ޖާންވީއާއި ލަކްޝް އިތުރު ފިލްމަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދަރުމާ ޕްރޮޑަކްޝަންއިން އިއުލާނުކޮށްފައިވާ "ދޯސްތާނާ 2"ގެ ކާސްޓުގައި ވެސް މި ދެ ތަރިން ހިމެނޭ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ލަކްޝްގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ނެޓްފްލިކްސްއިން ގެނެސްދިން އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަންގެ އަލަތު ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ