ކަރަންޓު މައި ވިއުގައިގައި ހިމެނޭ ކާބަލްތަކުގެ މައްޗަށް ދަގަނޑު ނުޖަހާ، އެކަމުގެ ގެއްލުމާއި ނުރައްކާ ބޮޑު!

ސްޓެލްކޯ އިން މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމުކޮށްފައިވާ ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑުގައި ކޭބަލްތަކުގެ މައްޗަށް ދަނގަޑުފަދަ ތަކެތި ޖަހަމުންދާތީ އެކަން ނުކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ ކަރަންޓު މައި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ ވިއުގައެކެވެ. މިއީ މި ވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ އެވެ.
މާލޭ އިންޖީނުގޭގައި ގާއިމުކޮށްފައިވާ 132 ކިލޮވޮޓް ސަބްސްޓޭޝަނުން ނުކުންނަ، މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމުކޮށްފައިވާ 132 ކިލޮވޮޓް ސަބްސްޓޭޝަނާ ހަމައަށެވެ.
އެހެންކަމުން މި ވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު ޕަސެންޓެއް ހުޅުމާލެ އިން މާލެއަށް ފޯރުކޮށްދެނީ މި ވިއުގަ މެދުވެރިކޮށެވެ.
ސްޓެލްކޯ އިން ބުނީ، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ވިއުގައަކީ އެނާޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، އެ ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑު ފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެ ނަމަ، މިއީ އެ ދަނގަޑު ޖަހާ މީހާގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެއް ކަމަށް ބުންޏެވެ.
އޭގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި، އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، މި ވިއުގައިގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ އެ ކުންފުނިން ހިއްސާކޮށްފައިވާއިރު، އެފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، އެކަންކަމަށް އިތުރު ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
އަދި އެ ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.
“މި ދެންނެވި ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދަންނަވަމެވެ. އަދި މިއާހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައި ދަންނަވަމެވެ.،” ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ